ކުޅިވަރު

ނޭޕާލްގެ އެއްވަނަ ކީޕަރު ޓީސީއަށް


ޑިފެންޑަރ ކުޑޫސްއާއި ކީޕަރު އިމްރާން ދޫކޮށްލައި، ނޭޕާލް ކީޕަރުގެ ސޮއި ޓީސީން ހޯދައިފިއެވެ. އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީއާއި ގުޅުނު ފުރަތަމަ ކުޅުންތެރިއަކީ ނޭޕާލް ޤައުމީ ޓީމްގެ އެއްވަނަ ކީޕަރު ކިރަން ޝެމް ޝޮންގއެވެ. 

އިސްކޮޅުގައި ހަ ފޫޓް ދެ އިންޗި ހުންނަ 26 އަހަރުގެ ކީޕަރުގެ ސޮއި ޓީސީން ހޯދީ ފާއިތުވި ދެ އަހަރު ޓީސީގެ ގޯލް ބެލެހެއްޓި ޤައުމީ ޓީމްގެ ދެވަނަ ކީޕަރު މުޙައްމަދު އިމްރާން ކްލަބް ދޫކޮށްލުމުންނެވެ. ފާއިތުވި އަހަރުތަކުގައި ނޭޕާލް ޤައުމީ ޓީމްގައިވެސް މޮޅަށް ކުޅުނު ކީޕަރާއެކު، ބިދޭސީ އިތުރު ދެ ކުޅުންތެރިން ޓީސީން ފެންނާނެކަމަށް އެކްލަބުން މައުލޫމާތުދެއވެ. އޭގެތެއިން އެއް ކުޅުންތެރިއަކީ ޤައުމީ ޓީމެއްގައި ހިމެނޭ ކުޅުންތެރިއެއްކަން ޓީސީން ކަށަވަރުކޮށްދެއެވެ. ހަތަރުވަނަ ކުޅުންތެރިއަކަށްވެސް ބަލަމުންދާކަމަށް ޓީސީން މައުލޫމާތުދެއެވެ. މިދިޔަ ދެ އަހަރު ޓީސީގެ ފަހަތަށް ކުޅުނު ކުޑޫސް ވަނީ ކްލަބުން ދޫކޮށްލާފައެވެ. އޭނާއަކީ ކުރިން ނިއުއަށްވެސް ކުޅުނު ޑިސިޕްލިންގ ކުޅުންތެރިއެކެވެ. މީގެއިތުރުން ސަޕްރައިޒިންގ ދިވެހި ކުޅުންތެރިއަކުވެސް ޓީސީން ފެނުމުގެ ފުރުޞަތު ބޮޑުކަމަށް އެކުލަބުން މައުލޫމާތުދެއެވެ. މިހާތަށް ޓީސީ ދޫކޮށް މުޙިންމު ތިން ކުޅުންތެރިއަކު ވަނީ ގޮސްފައެވެ. އެއީ ކީޕަރު އިމްރާންގެ އިތުރުން އަލީ ފާސިރުއާއި، އަހުމަދު އަބުދުﷲއެވެ.

މިއަހަރުވެސް ޓީސީގެ ކޯޗަކަށް ހުންނާނީ ފާއިތުވި ތިން އަހަރުވެސް އެކްލަބަށް އިރުޝާދުދިން ކޯޗު މުޙަންމަދު ނިޒާމެވެ.