ކުޅިވަރު

ފުޓްބޯޅަ ސީޒަން ފަށާނީ ފެބްރުއަރީ 16 ވަނަ ދުވަހު


މިއަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ފަށަން އެފްއޭއެމްއިން ނިންމައިފިއެވެ. ފެބްރުއަރީ 16 ވަނަ ދުވަހު ސީޒަން ފަށާއިރު އޭގެކުރިން އޭއެފްސީކަޕްގެ ދެމެޗެއް އޮންނާނެއެވެ. 

ސީޒަންގެ ފުރަތަމަ މުބާރާތަކީ އަލަށް ގެނައި ބަދަލުތަކާއެކު އަލުން ބާއްވަން ފަށާ މާލޭ ލީގެވެ. ފުރަތަމަ ޑިވިޝަންގެ ޓީމްތައް ވާދަކުރާ މާލޭ ލީގު ފަށާނީ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. މާލޭ ލީގުގެ ގަދަ ހަތަރު ޓީމާ، އަތޮޅު ތެރޭގެ ގަދަ ހަތަރު ޓީމް ވާދަކުރާ ޕްރިމިއަރ ލީގު މިއަހަރު ފަށާނީ ޖުލައި 28 ވަނަ ދުވަހުއެވެ. މި ދެލީގުގައިވެސް ކުޅުމަށް ހަމަޖެހިފައިވަނީ ދެބުރެވެ. މާލޭ ލީގާއި ދާދި އެކުއެކީގައި މިނިވަން ޗެމްޕިއަންޝިޕްވެސް އަތޮޅު ތެރޭގައި ކުރިއަށްގެންދާނެއެވެ. 2018 ވަނަ އަހަރުގެ މާލޭ ލީގަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަން އޮންނާނީ އޮގަސްޓްމަހުއެވެ. އެމުބާރާތް ފަށާނީ މާރޗްމަހުގެ 15 ވަނަ ދުވަހުއެވެ. މާރޗް 6 ވަނަ ދުވަހު އެފްއޭކަޕް ފަށަން ތާވަލްކޮށްފައި އޮތް ނަމަވެސް އެމުބާރާތް ނިމޭނީ ޖުލައި 8 މަހުއެވެ. ޕްރެޒިޑެންޓްކަޕް އޮންނާނީ ނޮވެމްބަރު 24 ން ޑިސެމްބަރު 4 އަށެވެ.

ދެވަނަ ޑިވިޝަން ފަށާނީ އޭޕްރީލް 10 ވަނަ ދުވަހުއެވެ. ތިންވަނަ ޑިވިޝަން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 16 ވަނަ ދުވަހުއެވެ. މީގެއިތުރުން އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަން ޖުލައިމަހު އޮންނާނެއެވެ. 

އާއަހަރުގެ ފުޓްބޯޅަ ސީޒަނަށް ގިން ކްލަބްތަކުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.