ކުޅިވަރު

ސެންޓްރަލް ޒޯންގެ ކޮލިފައިންގައި 3 ޓީމް ވާދަކުރަނީ


ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯންގެ އަންހެން ކޮލިފައިން މުބާރާތުގައި ބައިވެރިވީ 3 ޓީމްކަމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަނުން ބުނެފިއެވެ. 

މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިހާތަނަށް ސެންޓްރަލް ޒޯންގެ ކޮލިފައިންގައި ބައިވެރިވާނެކަމަށް ޔަގީންކަން ދީފައިވަނީ ނޭޕާލާއި އިރާންކަމަަށެވެ. ރާއްޖޭގެ ޓީމާއެކު މިހާރު މިމުބާރާތުގައި ވާދަކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ 3 ޓީމެވެ. ކުރިން ބަނގްލަދޭޝް މިމުބާރާތުގައި ބައިވެރިވުމަށް ނިންމާފައި ވީނަމަވެސް، މިހާރު އެގައުމުއިން ބައިވެރިނުވާނެކަމަށް އަންގާފައިވާކަމަށްވެސް ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ އިންޑިޔާ ފިޔަވާ އެހެން އެއްވެސް ޓީމަކަށް ދެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނެތްކަމަށެވެ. އިންޑިޔާގެ ވޮލީ ބޯލް ފެޑެރޭޝަންގައި ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އެގައުމަށް އަންނަނީ މުބާރާތުގައި ބައިވެރިވުމަށް ގިނަ ހުރަސްތަކަކާ ކުރިމަތިވަމުންނެވެ. އިންޑިޔާއަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި އެގައުމުގެ އޮލިމްޕިކް ކޮމެޓީން އިންޑިޔާގެ އަންހެން ޓީމް ބަލައިގަނެ އެކަން އޭވީސީއަށް އެންގުމުންކަމަށް ލަތީފް ވިދާޅުވިއެވެ. އިންޑިޔާ މުބާރާތުގައި ބައިވެރިވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ލަތީފް ވިދާޅުވިއެވެ. 

ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯންގެ ކޮލިފައިން މުބާރާތް ރާއްޖޭގައި އޮންނާނީ މިމަހުގެ 27 ން 29 އަށެވެ. މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީބޯޅަ މުބާރާތެވެ.