ވިޔަފާރި

އައު މާކެޓްތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވެއްޖެ


މިދިޔަ އަހަރު ދެކުނު އޭޝިއާގެ ޤައުމުތަކުންނާއި، މެދުއިރުމަތީގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ. 

ޓޫރިޒަމް މިނިސްޓްރީން ޢާއްމު ކުރައްވާފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މަންޒިލުތަކުގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ދެ މަންޒިލަކީ މެދުއިރުމަތި، އަދި ދެކުނު އޭޝިއާ ސަރަޙައްދެވެ.

މިދިޔަ އަހަރު ދެކުނު އޭޝިއާ ސަރަޙައްދުން ރާއްޖެއަށް 101000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިސަރަޙައްދުން ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އިންޑިއާ އާއި ސްރީލަންކާއިންނެވެ.

މިދިޔަ އަހަރު އިންޑިއާއިން 60955 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު، %28  އިތުރުވުމެކެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ސްރީލަންކާއިން 17927 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، %26.7 ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

ޓޫރިޒަމް ސިނާޢަތުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ ކުންފުނިތަކުން ފާހަގަކުރާގޮތުގައި ފަހަކަށް އައިސް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ގެސްޓްހައުސް އިތުރުވެ، މެދުފަންތީގެ ފަތުރުވެރިންނަށް ހުރި ފުރުޞަތުތައް އިތުރުވުމެވެ.

ދެހާސް ސޯޅަވަނަ އަހަރު މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ވަނީ 51330 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު، %22 ކުރިއެރުމެކެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ސަޢޫދީ އަރަބިއްޔާއިންނެވެ. މިދިޔައަހަރު ސަޢީދީޢަރަބިއްޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 21964 އެވެ. މިދިޔަ އަހަރު ސަޢޫދީޢަރަބިއްޔާދީން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ސައުދީ ޤައުމީ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ދިވެހިރާއްޖެއަށް ފެށުމެވެ.

މިއަހަރުގެ ތެރޭގައި އިއްތިޙާދު އެއަރވޭސްގެ ދަތުރުތައް ފުޅާކުރުމުން، މެދުއިރުމަތީގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އަދިވެސް އިތުރުވާނޭކަމަށް، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ޔަޤީންކުރެއެވެ.