ހިގުއައިން އަދި ދިބާލާގެ މޮޅު ކުޅުމާއިއެކު ލާޒިއޯގެ މައްޗަށް ޔުވެންޓަސް ކުރި ހޯދައިފިއެވެ.
އިޓާލިއަން ސެރީއޭގައި ރޭ އަމިއްލަ ދަނޑުގައި ލާޒިއޯއާއި ދެކޮޅަށް ކުޅުނު މެޗް ޔުވެންޓަސް ކާމިޔާބުކުރީ 2-0 ނެވެ. މެޗުގައި ޔުވެންޓަސްގެ ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފްގައެވެ.
މެޗުގެ 5 ވަނަ މިނެޓުގައި ދިބާލާގެ ހިތްގައިމު ގޯލެއް ފެނިގެންދިޔައިރު، ހިގުއިން އެޓީމްގެ ލީޑް ފުޅާކުރީ މެޗުގެ 16 ވަނަ މިނެޓުގައެވެ.
ރޭގެ މެޗަށްފަހު ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނީ ނަތީޖާ ނެރުމަށްވުރެ ކުޅުމަށް މިހާރު ޓީމުން ފޯކަސްކުރާނެކަމަށެވެ. ވަރުގަދަ ޓީމްތަކާއި ދެކޮޅަށް ރަނގަޅަށް ކުޅެވޭނަމަ ނަތީޖާ ބޭނުންވާ ގޮތަށް ނިކުންނާނެކަމަށައި، ޓީމުން ރޭގެ މެޗުގައި ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށެވެ.
ރޭގެ މެޗުގައި ޔުވެންޓަސްއިން ބޭނުންކުރީ 4-2-3-1 ފޯމޭޝަނެވެ. މިކަމާއި ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެލެގްރީ ބުނީ އޭނާއަކީ މާ މޮޅު ތިއަރީތައް އިނގޭ މީހެއް ނޫންކަމަށާއި، އެހެންނަމަވެސް ތަފާތުކަމެއްކޮށްލަން ބޭނުންވީކަމަށެވެ. މި ފޯމޭޝަން ބޭނުންކުރުމަކީ މޮޔަ ހިޔާލެއްކަމަށާއި، މެޗުގެ ފަހުކޮޅު އެކަމުގެ އަސަރުތައް ފެނުނުކަމަށެވެ.
ސެރީއޭގައި ރޭ ރޯމާ ވަނީ އަމިއްލަ ދަނޑުގައި 1-0 ން ކަގްލިއާރޯ ބަލިކޮށްފައެވެ. އިންޓަރމިލާންވެސް ވަނީ ރޭ އެޓީމް ކުޅުނު މެޗް 0-1 ން ކާމިޔާބުކޮށްފައެވެ.