ކުޅިވަރު

އެއް އަހަރުގެ ތެރޭގައި ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ - އަދީލް


ސެންޓްރަލް ޒޯން ވޮލީ މުބާރާތަކީ ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ކާމިޔާބު މުބާރާތެއްކަމަށާއި، ޓީމަށް އައިސްފައިވާ ކުރިއެރުމާއިމެދު ހިތްހަމަ ޖެހޭ ކަމަށް ދިވެހި ޤައުމީ ވޮލީ ޓީމްގެ ކޯޗް އަހުމަދު އަދީލް (ބޭބެ) ބުނެފިއެވެ. 

2018 ގެ އަންހެން ވޮލީބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މެޗުތައް ނިންމާލުމަށްފަހު ދިވެހި ޤައުމީ ވޮލީ ޓީމްގެ ކޯޗް އަދީލް ބުނީ ޖުމްލަކޮށް ދިވެހި ޓީމް މުބާރާތުގައި ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށެވެ. ކުޅުންތެރިން މުޅި މުބާރާތުގައި ހިތްހަމަޖެހޭ ވަރަށް ކުޅުނު ކަމަށާއި، މީ ރަނގަޅު ތަޖުރިބާއެއްކަމަށް އަދީލް ބުންޏެވެ. މުބާރާތުގެ ކުރިން ވާދަވެރި މެޗެއް ކުޅެލަން ނުލިބުމުން އެކަން އަބަދުވެސް ފާހަގަކުރިކަމަށާއި، މުބާރާތުގެ ކުރިން މެޗުތަކެއް ކުޅެލަން ލިބުނުނަމަ ނަތީޖާ ތަފާތުވީސްކަން އަދީލް ފާހަގަކުރިއެވެ.

"އަޅުގަނޑު މުބާރާތުގެ ކުރިންވެސް ބުނަމުންދިޔައީ ވާދަވެރި މެޗެއް ނުކުޅެ މުބާރާތާއި ކުރިމަތިލާތީ އެންމެ ރަނގަޅަށް ޕާރފޯމް ނުކުރެވޭނޭ، އެކަމަކު ޓީމުން ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހިއްޖެ، ރަނގަޅު ކުރިއެރުމެއް ޓީމަށް މި ލިބުނީ" 

އަދީލް ބުނީ މިދިޔަ އަހަރުގެ ސައުތް އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން ޓީމް ޖާގަ ހޯދުމާއިއެކު ދެން އަމާޒު ހިފީ ޓީމާއިއެކު މެޑައްޔަކަށްކަމަށާއި، މިއަދު އެކަން ހާސިލްވެއްޖެކަމަށެވެ. އަދި އެއް އަހަރުތެރޭ ޓީމަށް ލިބިފައިވާ ކުރިއެރުން ފާހަގަކުރާކަމަށާއި، މިއަށްވުރެ ބޮޑު ކާމިޔާބީތަކެއް މި ޓީމާއިއެކު ހޯދޭނެކަމަށްވެސް އަދީލް ބުންޏެވެ.

ޤައުމީ ވޮލީ ޓީމްގެ ކޯޗް ބުނީ ފުރަތަމަ މެޗުގައި އީރާނާ ދެކޮޅަށް ކުޅެން ޖެހުނު ނަމަ މުބާރާތުގެ ނަތީޖާ ތަފާތު ވީސްކަމަށެވެ. 

ސެންޓްރަލް ޒޯން ކޮލިފައިންގެ ތިންވަނަ ހޯދުމާއިއެކު ރާއްޖެއަށް ވަނީ މުބާރާތުގެ ލޯ މެޑަލް ލިބިފައެވެ. މީ ބައިނަލްއަޤްވާމީ މުބާރާތަކުން ދިވެހި ޤައުމީ އަންހެން ވޮލީ ޓީމް ހޯދި ފުރަތަމަ މެޑައްޔެވެ.