ކުޅިވަރު

ކެރިއަރުގެ 18 ވަނަ ގްރޭންޑް ސްލޭމް ރޮޖަރ ފެޑްރާ ކާމިޔާބުކޮށްފި


4 އަހަރާއި 6 ދުވަސް ފަހުން ފުރަތަމަ ފަހަރަށް ރޮޖަރ ފެޑްރާ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށްފިއެވެ. 

ކެރިއަރުގެ 18 ވަނަ ގްރޭންޑް ސްލޭމް ރޮޖަރ ފެޑްރާ ކާމިޔާބުކުރީ މިއަދު ހަވީރު ރަފައެލް ނަދާލްގެ މައްޗަށް ހޯދި މޮޅާއިއެކުގައެވެ. އޮސްޓްރޭލިއަން އޯޕަން ފިރިހެން ސިންގަލްސްގެ ފައިނަލްގައި ވާދަވެރި ނަދާލްގެ މައްޗަށް ފެޑްރާ ކުރިހޯދީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމިގެންދިޔައީ 6-4، 3-6، 6-1، 3-6، 6-3 އިންނެވެ. 

މިއީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ފެޑްރާ ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. އަދި މިއީ އޭނާގެ ކެރިއަރުގެ 18 ވަނަ ގްރޭންޑް ސްލޭމްކަން ފާހަގަކޮށްލެވެއެވެ. 

އުމުރުން 35 އަހަރުގެ ފެޑްރާ އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރެވެ. އެއީ ވިމްބްލްޑަން ޓެނިސް މުބާރާތެވެ.

ރޭގެ ފައިނަލް މެޗަށްފަހު ފެޑްރާ ބުނީ އޮސްޓްރޭލިއަން އޯޕަންގެ ތަށި އޭނާއަށްވުރެ ނަދާލްއަށް ހައްގުކަމަށާއި އަނިޔާއިން އެނބުރިއައިސް މި މުބާރާތުގައި ނަދާލް ދެއްކި ކުޅުމުން އޭނާއަށް މި ޓްރޮފީ ހައްގުކަމަށެވެ. 

ނަދާލް އަދި ފެޑްރާއަކީ ދެހާހުގެ އަހަރުތަކުން ފެށިގެން ޓެނިހުގައި އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ. އަދި މި ދެ ކުޅުންތެރިންނަކީ ވަރަށް ގާތް ދެ އެކުވެރިކަންވެސް ފާހަގަކޮށްލެވެއެވެ. 

އޮސްޓްރޭލިއަން އޯޕަން މުބާރާތަކީ މިދިޔަ އަހަރުގެ މެދުތެރޭގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު ފެޑްރާ އެނބުރި ކުޅުމުގެ ތެރެއަށް އައި މުބާރާތެވެ.