ކުޅިވަރު

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ޓީމް


މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ވިހި އަތޮޅުން 75 ރަށަކުން ބައިވެރިވެއްޖެއެވެ. 

އަންނަ މާޗް މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިދިޔަ އަހަރުވެސް ބައިވެރިވެފައިވަނީ 75 ޓީމެވެ. 

ރާއްޖޭގެ 8 ޒޯނަށް ބަލާލާއިރު މި އަހަރުގެ މުބާރާތުގައި އެންމެ ގިނަ ރަށްތަކުން ބައިވެރިވެފައިވާ ހދ އަތޮޅާއި ތ އަތޮޅުންނެވެ. މި ދެ އަތޮޅުންވެސް މުބާރާތުގައި ހަތް ރަށަކުން ވާދަކުރަންވަނީ ނިންމާފައެވެ. އެންމެ މަދުން ޓީމްތައް ބައިވެރިވެފައިވާ ދެ އަތޮޅަކީ ވ އަތޮޅާއި އއ އަތޮޅެވެ. ވ އަތޮޅުން ބައިވެރިވި ހަމައެކަނި ރަށަކީ ވ.ފުލިދޫ އަދި އއ އަތޮޅުން ބައިވެރިވެފައިވާ ރަށަކީ މާޅޮހެވެ. 

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އަތޮޅުތަކުގެ ބުރާއި، ހުރިހާ ޒޯންތަކެއްގެ ޗެމްޕިއަން ޓީމްތައް މާލޭގައި ކުޅޭ ބުރެވެ. އެފްއޭއެމުން އަހަރުގެ ކުޅިވަރު ކަލަންޑަރަށާއި. މުބާރާތްތަކުގެ ފޯމެޓަށް ގެނައި ބަދަލްތަކާއިއެކު، މާލޭގައި ކުޅޭ ބުރުގެ ގަދަ ހަތަރު ޓީމަށް މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

މިދިޔަ އަހަރު ބޭއްވި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ.އޭދަފުށްޓެވެ. އެއީ ފައިނަލްގައި ތ.ތިމަރަފުށި ބަލިކޮށްގެންނެވެ.

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވާ ޓީމްތައް:

ހއ އަތޮޅު : ފިއްލަދޫ، އިހަވަންދޫ، މާރަންދޫ، މުރައިދޫ

ހދ އަތޮޅު : ހަނިމާދޫ، ހިރިމަރަދޫ، ކުޅުދުއްފުށި، ކުމުންދޫ، ކުރިނބި، ނޭކުރެންދޫ، ނޮޅިވަރަންފަރު

ށ އަތޮޅު : ފުނަދޫ، ޅައިމަގު، މިލަންދޫ

ނ އަތޮޅު : ކުޑަފަރި، ޅޮހި، މާޅެންދޫ، މަނަދޫ

ރ އަތޮޅު : ހުޅުދުއްފާރު، އިންނަމާދޫ، މީދޫ، އަލިފުށި، ރަސްމާދޫ، އުނގޫފާރު

ބ އަތޮޅު : އޭދަފުށި، ދަރަވަންދޫ

ޅ އަތޮޅު : ނައިފަރު، ކުރެންދޫ، އޮޅުވެލިފުށި

ކ އަތޮޅު : ދިއްފުށި، ގުޅި، ގުރައިދޫ، މާފުށި

އއ އަތޮޅު : މާޅޮސް

އދ އަތޮޅު : ކުނބުރުދޫ، މަހިބަދޫ، މަންދޫ

ވ އަތޮޅު : ފުލިދޫ

މ އަތޮޅު : މަޑުއްވަރީ، މުލި، ނާލާފުށި، ވޭވަށް

ފ އަތޮޅު : ފީއަލި، މަގޫދޫ، ނިލަންދޫ

ދ އަތޮޅު : ކުޑަހުވަދޫ، މީދޫ

ތ އަތޮޅު : ގާދިއްފުށި، ގުރައިދޫ، ހިރިލަންދޫ، މަޑިފުށި، ތިމަރަފުށި، ވޭމަންޑޫ، ވިލުފުށި

ލ އަތޮޅު : ގަން، ކުނަހަންދޫ، މާބައިދޫ، މާމެންދޫ، މުންޑޫ

ގއ އަތޮޅު : ދެއްވަދޫ، ކަނޑުހުޅުދޫ، ކޮލަމާފުށި، ކޮނޑޭ، ނިލަންދޫ

ގދ އަތޮޅު : ހޯޑެއްދޫ، ގައްދޫ، މަޑަވެލި، ތިނަދޫ

ފުވައްމުލައް : ދަޑިމަގު، ދޫޑިގަން

އައްޑޫ ސިޓީ : ފޭދޫ، ހިތަދޫ، މަރަދޫ ފޭދޫ، މަރަދޫ، މީދޫ