ކުޅިވަރު

10 ޕޮއިންޓްގެ ތަފާތު އޮތަސް މަސައްކަތް ކުރާނަން - ގާޑިއޯލާ


އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނާގައި އޮތް ޗެލްސީއާއި ދެމެދު 10 ޕޮއިންޓްގެ ފަރަޤެއް އޮތަސް އެންމެ ފަހު ވަގުތާއި ހަމައަށްވެސް ސިޓީން ލީގުގައި ރަނގަޅު ކާމިޔާބެއް ހޯދަން ވިސްނާނެކަމަށް އެޓީމްގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. 

ގާޑިއޯލާ މިހެން ބުނީ ލީގުގައި ރޭ ވެސްޓް ހަމް ޔުނައިޓެޑް އަތުން އެޓީމް 4-0 ން މޮޅުވި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ. ރޭ ސީޓީއާއި ވެސްޓްހަމް ވާދަކުރި މެޗް ބަލަން ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ދަނޑުގައި އިންކަން ފާހަގަކޮށްލެވޭއެވެ. 

ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ ޗެލްސީއާއި ދެމެދު ދިހަ ޕޮއިންޓްގެ ފަރަޤެއް އެބައޮތްކަމަށާއި، މިފަހަރުގެ ލީގު ޗެލްސީއަށް ނުލިބުމުގެ ފުރުސަތު ކުޑަކަމަށެވެ. އަމިއްލަ ފަރުވާކުޑަކަމުން ޗެލްސީން މެޗުތަކުން ބަލިވެގެން ނޫންގޮތަކުން ޕްރިމިއަރ ލީގު އެހެން ޓީމަކަށް ނުލިބޭނެކަމަށްވެސް އޭނާ ބުންޏެވެ.

"ޗެލްސީން އަމިއްލައަށް އެހެން ޓީމަކަށް ލީގު ދީގެން މިހާރު އޮތް ގޮތް ބަދަލުވުން އޮތީ، ނުވަ ޕޮއިންޓް ނޫނީ ދިހަ ޕޮއިންޓްގެ ލީޑަކީ ފަސޭހަ މަސައްކަތެއް ނޫން ޓީމެއް އަތުލަން ބަލާއިރު" ކުރިން ބަޔާން މިޔުނިކާއި ބާސެލޯނާއަށް އިރުޝާދު ދިން ކޯޗް ބުންޏެވެ.

ރޭގެ މެޗުގައި ސިޓީގެ ހަތަރު ލަނޑު ޖަހައިދިނީ ކެވިން ޑި ބްރޫނާ، ޑޭވިޑް ސިލްވާ، ޔާޔާ ޓޫރޭ އަދި ގެބްރިއެލް ހެސުސްއެވެ. ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހެސުސް ރޭ ޖެހި ގޯލަކީ އޭނާ ސިޓީއަށް ޖަހައިދިން ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.