ކުޅިވަރު

ނިއުއަށް ބިދޭސީ އިތުރު ޑިފެންޑަރެއް ގެނެސްފި!


މިހާރުވެސް ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައިވާ ނިއުރޭޑިއަންޓުން ބިދޭސީ އިތުރު ޑިފެންޑަރެއް ގެނެސްފިއެވެ. 

ނިއުއާ ގުޅެން މިއަދު ރާއްޖެ އައީ މޮންޓެނީގްރޯގެ ސެންޓްރަލް ޑިފެންޑަރެއްކަމަށްވާ ސްޓެފަން މާކޮވިޗެވެ. 29 އަހަރުގެ ޑިފެންޑަރަކީ އެޤައުމުގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ އިތުރުން 2010 ން 2012 އަށް ސަރބިއާ ސުޕަރލީގުގައި ކުޅެފައިވާ ޑިފެންޑަރެކެވެ. އެންމެ ފަހުން އޭނާ ކުޅުނީ މޮންޓެނީގްރޯގެ ފުރަތަމަ ޑިވިޝަންގެ އެފް.ކޭ މޯނާއަށެވެ. އޭނާ ނޮވެމްބަރު މަހުގެ ނިޔަލަށް ކުޅެފައިވާކަމަށް މައުލޫމާތުލިބެއެވެ. 

6 ފޫޓް 5 އިންޗި ހުންނަ ޑިފެންޑަރެއް ނިއުއިން ގެނައި ނަމަވެސް އޭނާއަށް ކުޅެވޭނީ ނިއުގައި މިހާރުތިބި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ދޫކޮށްލައިގެންނެވެ. ނިއުގައި މިވަގުތު ޤާނާއަށް އުފަން ނަމަވެސް އިނގިރޭސި ރަށްވެހިކަން އޮތް، ޗެލްސީގެ ޔޫތް ޓީމަށް ކުޅެފައިވާ ޑިފެންޑަރެއް އެބަހުއްޓެވެ. މައުލޫމާތުލިބޭގޮތުގައި އޮޕަރޭޝަނަކަށްފަހު އޭނާ އަންފިޓް ވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި އޭނާގެ ބޭނުން ނުހިފޭތީ ފޮނުވާލަން ކްލަބުން ވަނީ ނިންމާފައެވެ.

" އިތުރު ޑިފެންޑަރެއް މިއަދު އެބައާދޭ. އޭނާގެ ފެންވަރެއް ސީދާ ނޭންގެ. އެކަމަކު ޤަބޫލުކުރަނީ މިހާރު ހުރި މީހާއަށްވުރެ މާބޮޑަށްވެސް ރަނގަޅުވާނެކަމަށް. ދެމީހުން ކުޅުން ބަލާލާފަ ގޮތެއް ނިންމާނީ " މޮންޓެނީގްރޯގެ ޑިފެންޑަރ މާލެ އައުމުގެ ކުރިން ނިއުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒު މިއަދު ވިދާޅުވިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ސްޓަފަން މާކޮވިޗް ނިއުއާއި ގުޅެން މާލެ އައީ ޓްރާންސްފަރވެސް ހަމަޖެހިގެންނެވެ. އެހެންކަމުން ޤަބޫލުކުރެވެނީ މިހާރު ޓީމްގައި ހުރި ޑިފެންޑަރ ޑެނިއަލް ޕަޕޯ ފޮނުވާލާނެކަމަށެވެ.