ކުޅިވަރު

"ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017" މިއަދު ލަންދޫގައި


މުޅިރާއްޖެއަށް ހުޅުވާލއިގެން ބާއްވާ ފުރަތަމަ ބަށިބޯޅަ މުބާރާތް މިއަދު ނ.ލަންދޫގައި ފަށާނެއެވެ. 

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބަށިބޯޅަ މުބާރާތަކީ "ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017"އެވެ. ރާއްޖޭގެ 20 އަތޮޅުން 46 ޓީމް ވާދަކުރާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ނ.ލަންދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މުބާރާތް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. މުބާރާތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށް އެކަމަނާ މިއަދު މެންދުރުފަހު ލަންދުއަށް ވަޑައިގަންނަވާނެއެވެ. އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ލަންދޫގެ ރައްޔިތުން ވަނީ ވަރަށްބޮޑަށް ތައްޔާރުވެފައެވެ. 

img:http://s4.psmnews.mv/images/660x400/14861046842743.jpg|"ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017" އަށް ލަންދޫ ތައްޔާރުވެފައި - ފޮޓޯ: ޕީއެސްއެމް

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ނ.ލަންދޫއާއި އަވަށްޓެރި މާޅެންދޫއެވެ. ނ.އަތޮޅުގެ މުބާރާތް ކުޅޭނީ ލަންދޫގެ އިތުރުން މަނަދޫގައެވެ. މިމުބާރާތް ކުރިއަށްގެންދާނީ އަތޮޅު މުބާރާތަށްފަހު ޒޯން ކުޅެ، ޒޯންތަކުގެ ޗެމްޕިއަނުން ފައިނަލް ބުރުގައި މާލޭގައި ވާދަކުރާގޮތަށެވެ. 

img:http://s2.psmnews.mv/images/660x400/14861048260141.jpg|"ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017" އަށް ލަންގައި ވަމުންދާ ތައްޔާރީތައް - ފޮޓޯ: ޕީއެސްއެމް

މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. އަދި ދެވަނަ ޓީމަށް ހަތްދިހަ ފަސްހާސް ރުފިޔާއެވެ. ތިންވަނަ ޓީމަށާއި، ފެއަރޕްލޭ ޓީމަށާއި، ސަޕޯޓަރުންގެ ޓީމަށްވެސް ވަނީ ފައިސާގެ އިނާމް ކަނޑައަޅުއްވާފައެވެ. އެހެންކަމުން މިއީ ރާއްޖޭގައި އަންހެނުންނަށް އަމާޒުކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.

މިއަދު ހަވިރު އޮންނަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި، ފުރަތަމަ މެޗު ޕީއެސްއެމްގެ "ޓީވީއެމް" އާއި "ޔެސް" ޓީވީން ވަގުތުން ދައްކާނެއެވެ. އަދި ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.