ކުޅިވަރު

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕް ފަށައިފި


ފަސްޓް ލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017 މިއަދު ހަވީރު ނ. ލަންދޫގައި ފަށައިފިއެވެ. މުބާރާތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ. 

މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ލަންދޫ އާއި މާޅޭންދޫއެވެ. ލަންދޫ ޓީމް ވަނީ 27 ލަނޑު ހަދާފައެވެ. މާޅެންދުއަށް ހެދުނީ 19 ލަނޑު 8 ފޯއްޔެވެ. ނ.އަތޮޅުގެ މެޗުތައް ލަންދޫގެ އިތުރުން މަނަދޫގައިވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ 16 އަތޮޅަކުން ޓީމްތައް ވާދަކުރާ މުބާރާތް މާދަމާ ހަތަރު ޞަރަހައްދެއްގައި ފަށާނެއެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަނުން ޒޯނަށް ކޮލިފައިވެ، ޒޯންތަކުގެ ޗެމްޕިއަނުން ފައިނަލް ބުރުގައި ވާދަކުރާނީ މާލޭގައެވެ. 

ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ދެވަނަ ޓީމަށް 75،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން ފެއަރޕްލޭ ޓީމާއި، ސަޕޯޓަރުންގެ ޓީމަށްވެސް ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖައްސަވާފައެވެ.

މުބާރާތް ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވިދާޅުވީ އުފަން ރަށް ތަމްޘީލްކުރަން މިހާގިނަ އަދަދެއްގެ އަންހެން ކަނބަލުން އިސްނެގުމަކީ ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ކަމެއްކަމަށެވެ، 

"ރަށް ތަމްޘީލްކުރަން މިހާގިނަ އަދަދެއްގެ އަންހެން ކަނބަލުން އިސްނެގުމަކީ ވަރަށް ބޮޑު އުފަލެއް. ކަނބަލުންނަށްޓަކައި ފަޚްރުވެރިވެވަޑައިގަންނަވަން. އަދި ހީވާގިކަމާއި ކެރުންތެރިކަމާއި، ހުޝިޔާރުކަން އަމިއްލަ ދިރިއުޅުމުގައި އަބަދުވެސް ބަހައްޓަން ޖެހޭނެ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވިދާޅުވިއެވެ.

 މިއީ އަންހެނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.