ކުޅިވަރު

ޤައުމީ ޓީމްތަކުގެ ކަންކަން ބަލަހައްޓާ ކޮމިޓީ އެކުލަވާލައިފި


ޤައުމީ ފުޓްބޯޅަ ޓީމްތަކުގެ ކަންކަން ބަލަހައްޓާ ކޮމިޓީ އެކުލަވާލައްވާ، އެފްއޭއެމްގެ އެކްސްކޯއިން ރޭ ފާސްކުރައްވައިފިއެވެ. 

ޤައުމީ ފުޓްބޯޅަ ޓީމްގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލެއްވި ކޮމިޓީގެ ޗެއަރއަކީ ކުރިން ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވި އަލީ ނާޝިދު (އޮގަރު އައްޔަ) އެވެ. މިކޮމިޓީގައި ދެން ތިއްބަވަނީ ޤައުމީ ޓީމްގެ ހެޑް ކޯޗު ޑަރެން ސްޓެވާޓާއި، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރާއި، އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗު ނައޯކޯ ކަމަވޯޓޯއާއި، ޤައުމީ ޓީމްގެ ފިޒީޝަން އަބުދުﷲ ރާފިއުއާއި، ރަން މެޑަލް ހޯދި ޤައުމީ ޓީމްގެ މެނޭޖަރ މުޙައްމަދު ހާނިމެވެ. 

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވެފައިވަނީ އެފްއޭއެމްގެ އެކްސްކޯއިން ނުވަތަ ހިންގަވަން ތިއްބަވާ ބޭފުޅުން ޤައުމީ ޓީމްތަކުގެ ކަންކަން ބަލަން ވެއްޖެނަމަ އެކަން އޮންނާނީ އެންމެ ރަނގަޅަށް ނުވެފައިކަމަށާއި، އެހެންކަމުން އެކަމަށް ޤާބިލް ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައްވާނެކަމަށެވެ. ޓީމްތަކުގެ ކަންކަން ގެންދާނީ އެކޮމިޓީގެ ބެލުމުގެ ދަށުން ކަމަށާއި، ނަމަވެސް ޓީމް ސެލެކްޝަނަކީ ކޯޗުގެ ނިންމެވުމެއްކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ.