ކުޅިވަރު

އެމްބީއޭ ކަޕްގައި 13 ޓީމް


3 ވަނަ އެމްބީއޭ ކަޕްގައި ބައިވެރިވީ 13 ޓީމްކަމަށް ބާސެކްޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ. މީގެތެރެއިން ފުރަތަމަ ޑިވިޝަންގައި ވާދަކުރާނީ 7 ޓީމެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި ވާދަކުރާ 4 ޓީމާއި، އަންހެން ބައިގައި ވާދަކުރާ 3 ޓީމެވެ. މުބާރާތުގެ ދެވަނަ ޑިވިޝަންގައި 6 ޓީމް ވާދަކުރާނެކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމަތުދެއެވެ. 

މިއަދު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ދެ ވަނަ ޑިވިޝަންގެ އެލްޓީއާއި ޔޫއެން ފެރެންޑްސްއެވެ. ދެ ވަނަ މެޗްގައި ވާދަކުރާނީ ސްޓްރިންޖާސްއާއި ރެޑް ވިންގްސްއެވެ. މުބާރަތުގެ ފުރަތަމަ ޑިވިޝަންގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ވާދަކުރާނީ ޓީރެކްސްއާއި ބައުސްއެވެ. ދެ ވަނަ މެޗުގައި ވާދަކުރާނީ ކިންގްސްއާއި ކުޑަ ހެންވޭރެވެ. މިމުބާރާތުގެ އަންހެންބައިގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ރެޑް ވިންގްސްއާއި ޒިންގް ޒެންގްއެވެ.

މުބާރާތުގެ އަންހެންބައިގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރުއެވެ. ދެ ވަނަ ޑިވިޝަންގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހުގެރެއެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުގެ ރެއެވެ.