ކޮޕަ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނިކުންނަ މެޗަކީ އުނދަގޫ ކުރިމަތިލުމަކަށްވާނެކަމަށް ބާސެލޯނާގެ ކޯޗް ލުއި އެންރީކޭ ބުނެފިއެވެ.
ކޮޕަ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބާސާއާއި އެތްލެޓިކޯ ވާދަކުރި މެޗް ދޭއް އެކަކުން ކާމިޔާބުކުރީ ބާސެލޯނާއެވެ. މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން އެންރީކޭ ބުނީ 2-1ގެ ލީޑެއް އޮތަސް އެ ނަތީޖާއާއިމެދު ނުވިސްނާކަމަށެވެ. ފައިނަލްގެ ޖާގަ ހޯދަން ބޭނުންވަނީ މި މެޗުން މޮޅުވެގެންކަމަށާއި، ސަބަބަކީ ވާދަވެރި އެތްލެޓިކޯ މެޑްރިޑް ބަލިކޮށްލެވުމަކީ ޓީމްގެ ކޮންފިޑެންސް ރަނގަޅުވާނެ ކަމެއްކަމަށްވާތީކަމަށް ލުއީ އެންރީކޭ ބުންޏެވެ.
"ފުރަތަމަ ލެގުން މޮޅުވެފައި އޮތަސް މި މެޗް ފަސޭހައެއް ނުވާނެ، އެތްލެޓިކޯއަކީ އެއްވެސް އިރެއްގައި ބަލިކުރަން ފަސޭހަ ޓީމެއް ނޫން" މިދިޔަ ސީޒަންގައިވެސް އެޓީމަށް ކޮޕަ ޑެލްރޭ ހޯދައިދިން ކޯޗް ބުންޏެވެ.
މިރޭގެ މެޗާއި ގުޅޭ ގޮތުން އެތްލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނީ ބުނީ އެޓީމް ތައްޔާރުވަނީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޓީމާ ދެކޮޅަށްކަމަށާއި، މެޗުން މޮޅުވެވޭނީ ޓީމްގެ ހުރިހާ ކުޅުންތެރިންވެސް އެންމެ މޮޅު ކުޅުން ދައްކައިގެންކަމަށެވެ.
ކައުންޓާރ އެޓޭކުގައި ބާސެލޯނާ އަބަދުވެސް ވަރަށް ނުރައްކާވާނެކަމަށާއި، އެކަމަށް ސަމާލުވާނެކަމަށްވެސް ސިމިއޯނީ ބުންޏެވެ.
"ވަރަށް ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅެން ތައްޔާރުމިވަނީ، ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޓީމް އެއީ، އެންމެން މޮޅަށް ކުޅެގެން ބާސާ ބަލިކުރެވޭނީ" އާޖެންޓީނާއަށް އުފަން ކޯޗް ބުންޏެވެ.
2006 ވަނަ އަހަރުގެ ފަހުން ބާސެލޯނާގެ ދަނޑުގައި އެތްލެޓިކޯއަށް ބާސާ ބަލިކޮށްލެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މިރޭގެ މެޗަށް ނިކުންނައިރު ބާސެލޯނާގެ ކޯޗްވަނީ ލަޔަނަލް މެސީ، ޖޯޑީ އަލްބާ އަދި ޑިފެންޑަރ އުމްޓިޓީއަށް މެޗުގައި ފަރުވާތެރިކަމާއިއެކު ކުޅުމަށް ގޮވާލާފައެވެ. މިއިން ކުޅުންތެރިއަކު މިރޭގެ މެޗުގައި ރީނދޫ ކާޑެއް ހޯދައިފިނަމަ ފައިނަލް މެޗަށް އެކުޅުންތެރިއަކު ސަސްޕެންޑްވާނެއެވެ.
ކޮޕަ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ވާދަކުރާ މެޗް ފަށާނީ ރާއްޖެގަޑިން ދަންވަރު 1 ޖަހާއިރެވެ.