ތިމްޕޫ ސިޓީ ބަލިކޮށް ކްލަބް ވެލެންސިޔާ އޭއެފްސީ ކަޕް ޕްލޭއޮފްގެ ޖާގައެއް ހޯދައިފިއެވެ. މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ވެލެންސިޔާ ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.
އޭއެފްސީކަޕް ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ވެލެންސިޔާ ވާދަކުރި މެޗްގެ ފުރަތަމަ ހާފް ނިމުނީ ލަނޑެއް ނުޖެހިއެވެ. ފުރަތަމަ ހާފްގައި ވެލެންސިޔާގެ އޮމަޑޫ ގޮޑްފްރޭ ވެސްޓަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފްގައި ތިމްޕޫ ސިޓީއަށް މާ ރަނގަޅު ހަމަލާތަކެއް ނުއުފެއްދުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމުންވަނީ ވެލެންސިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ.
ދެވަނަ ހާފްގައި ވެލެންސިޔާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްދާން އިބްރާހިމްއެވެ. ދެވަނަ ލަނޑު ބިދޭސީ ކުޅުންތެރިޔާ ޕްރިންސް ކާމިޔާބުކޮށްދިންއިރު، މެޗްގެ އިތުރު ވަގުތުގައި ވެލެންސިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ރިލުވާނެވެ. މިދެޓީމް ބޫޓާން ދަނޑުގައި ކުޅުނު މެޗް ނިމުނީ ލަނޑެއް ނުޖެހިއެވެ.
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ޕްލޭއޮފްގައި ވެލެންސިޔާ ވާދަކުރަން ޖެހޭނީ އިންޑީޔާގެ މޯހަން ބަގާން ނުވަތަ ލަންކާގެ ކޮލޮމްބޯ އެފްސީއާއެވެ.