ކުޅިވަރު

ސުއަރޭޒްއަށް ރަތްކާޑް، ބާސާއަށް ފައިނަލް


ރަތްކާޑެއް ދެއްކި ނަމަވެސް، ލުއިސް ސުއަރޭޒް، ބާސެލޯނާ ކޮޕަޑެލްރޭގެ ފައިނަލަށް ގެންގޮސްދީފިއެވެ. ރޭގެ މެޗު 1-1 ން އެއްވަރުވި ނަމަވެސް ބާސާ ފައިނަލުގެ ޖާގަ ހޯދީ ދެ ލެގުން އެތްލެޓިކޯމެޑްރިޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

ބާސާގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު 1-1 ން އެއްވަރުވުމުގެ ކުރިން، އެތްލެޓިކޯގެ ދަނޑުގައި ބާސާ ވަނީ ފުރަތަމަ ލެގުގެ މެޗު 2-1 ން ކުރި ހޯދާފައެވެ. ރޭގެ މެޗުގައި ލުއިސް ސުއަރޭޒް ބާސާއަށް ލަނޑު ޖަހައިދިނީ 43 ވަނަ މިނިޓްގައެވެ. 90 ވަނަ މިނިޓްގައި އޭނާ ދަނޑުން ފޭބީ ރަތްކާޑަކާއެކުއެވެ. އޭގެ ހަ މިނިޓް ކުރިން އެތްލެޓިކޯ މެޑްރިޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލުކުޅުންތެރިޔާ ކެވިން ގަމޭރޯއެވެ. އޭނާގެ ލަނޑުގެ ކުރިން ބާސާގެ ސާޖި ރޮބާޓޯއާއި، އެތްލެޓިކޯގެ ކަރަސްކޯއަށްވެސް މެޗުގެ ރެފްރީ ވަނީ ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދައްކާފައެވެ.

މުބާރާތުގެ ފައިނަލްގައި ބާސެލޯނާ ވާދަކުރަން ޖެހޭނީ އަލަވޭސްއާއި ސެލްތަވީގޯ ވާދަކޮށް ކުރި ހޯދާ ޓީމަކާއެވެ. އެދެޓީމްގެ ދެވަނަ ލެގު މިރޭ ކުޅޭނެއެވެ.