ކުޅިވަރު

ވެލެންސިޔާގެ އެކަޑަމީގައި ދެ އެލީޓް ގްރޫޕް


ކްލަބް ވެލެންސިޔާއިން އިއްޔެ ލޯންޗްކުރި އެކްލަބްގެ ޔެލޯ އެކަޑަމީ ކުރިއަށްގެންދާނީ ދެ އެލީޓް ގްރޫޕާއެކު ކަމަށް އެކުލަބުން ބުނެފިއެވެ.

ރާއްޖޭގެ ފުޓްބޯޅަ އެކަޑަމީ ހިންގެވުމުގެ ތަޖުރިބާ އެންމެ ބޮޑު ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) މިއަދު ބުނީ ވެލެންސިޔާގެ އެކަޑަމީ ރަސްމީކޮށް ފަށަން ހަފްތާއެއްވަރު ވާނެކަމަށެވެ. ދަނޑު ޝެޑިއުލްކުރެވި ހުރިހާކަމެއް ހަމަޖެހުމުން އެކަޑަމީ ފަށާއިރު އެހެން އެކަޑަމީތަކާ ތަފާތެއް ހުންނާނެކަމަށް ވެލެންސިޔާގެ ކުރީގެ ކޯޗު ބުންޏެވެ. މިހާރުވެސް އަމިއްލަ އެކަޑަމީއެއް ހިންގާ ހީނާ އަހުމަދު ސަލީމް ބުނީ ވެލެންސިޔާގެ އެކަޑަމީގެ ތެރެއިން ކްލަބް ފުޓްބޯޅަށް ދިއުމުގެ ފަސޭހަ ދޮރެއް ހުޅުވިފައި އޮންނާނެކަމަށެވެ. އެކަމަށް ކުރާ މަސައްކަތުގައި އޭނާގެ އަމިއްލަ އެކަޑަމީގެ ކުޅުންތެރިންނަށްވެސް އެފުރުޞަތު އޮންނާނެކަމަށް އޭނާ ބުންޏެވެ.

" މީގަ އެންމެ ބޮޑު ތަފާތަކީ ކުޅޭ ހިތްވާ ކުދިންނާއި، ހުނަރު ހުރި ކުދިންނަށް ވަކިން ފުރުޞަތު އޮތުން. ކުޅޭ ހިތްވާކުދިން ހަމައައިސް އެހެން އެކަޑަމީތަކުގައި އޮންނަ ގޮތަށް ކުޅެންވީ، ތަމްރީން ވާންވީ. އޭގެއިތުރުން ހުނަރު ހުރި ކުދިން ނޫނީ އެކަޑަމީއަށް އައިސް މޮޅުވާ ކުދިން، އަދި ޓްރަޔަލްގައި ބައިވެރިވެގެން ހުނަރުހުރިކަން ސާބިތުކޮށްދޭ ކުދިންނަށް މިއޮންނަނީ އެލީޓް ގްރޫޕް " ހީނާ ބުންޏެވެ.

އެލީޓް ގްރޫޕްގައި ތިބޭނީ ފުޓްބޯޅައިގެ ހުނަރު ހުރި ކުޅުންތެރިންނެވެ. ޓްރަޔަލްއިން ފާސްވެ ސީދާ އެލީޓް ގްރޫޕަށް ގުޅުމުގެ ފުރުޞަތު އަދި އެކަޑަމީގެ ތެރެއިން އެލީޓް ގްރޫޕަށް ދިއުމުގެ ފުރުޞަތު އެބައޮތްކަމަށް ހީނާ އަހުމަދު ސަލީމް ބުންޏެވެ. އެލީޓް ދެ ގްރޫޕެއް އެކުލަވާލާނެކަމަށް ހީނާ ވަނީ ނިންމާފައެވެ. އެއީ ގްރޭޑް 6،7 ގެ ދަރިވަރުން ހިމެނޭ ގްރޫޕަކާއި، ގްރޭދް 4،5 ގެ ދަރިވަރުން ހިމެނޭ ގްރޫޕެވެ. ހީނާ އަހުމަދު ސަލީމްގެ އަމިއްލަ އެކަޑަމީގައި ތިބި އެފެންވަރުގެ ކުޅުންތެރިން މިހާރުވެސް ވަނީ އެލީޓް ގްރޫޕަށް ނަގާފައެވެ. އެކުޅުންތެރިންނަށް ވެލެންސިޔާ އަދި އެހެން ކްލަބްތަކަށްވެސް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ވެލެންސިޔާގެ އެކަޑަމީ ރަސްމީކޮށް ލޯންޗްކުރީ އިއްޔެ ބޫޓާންގެ ތިމްޕޫ އެފްސީއާ ވާދަކުރި އޭއެފްސީކަޕް ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގެ މެޗުގެ ކުރިންނެވެ.