ކުޅިވަރު

ފުރަތަމަ ޑިވިޝަންގެ ފުރަތަމަ މެޗް ޓީރެކްސްއަށް


3ވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގެ 1ވަނަ މެޗް ޓީރެކްސް ބާސްކެޓް ބޯލް ކުލަބް ކާމިޔާބުކޮށްފިއެވެ. މިމެޗް ޓީރެކްސް ކާމިޔާބުކުރީ ދަ ބައުސްއާއި ވާދަކޮށް 17 ޕޮއިންޓްގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ 80 ޕޮއިންޓް 63 ޕޮއިންޓުންނެވެ.

 މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބްގެ އަހުމަދު ޒަބީރުއެވެ. ޒަބީރުވަނީ ޓީރެކްސްއަށް 22 ޕޮއިންޓް ހޯދާދީފައެވެ. މެޗުގައި ދަ ބައުސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ނަސީމް އިބްރާހީމްއެވެ. ނަސީމްވަނީ ދަ ބައުސްއަށް 19 ޕޮއިންޓް ހޯދާދީފައެވެ.

މިމުބާރާތުގައި މިއަދު 2ވަނަ ޑިވިޝަންގެ ދެ މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ ދެ ވަނަ ޑިވިޝަންގައި 6 ޓީމް ވާދަކުރެއެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި 4 ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު އަންހެން ބައިގައި ވާދަކުރާނީ 3 ޓީމެވެ.