ޚަބަރު

ދިވެހި ބަހުގެ އޮޑިޓް ޕްރޮގްރާމެއް ފަށްޓަވަނީ


ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން ހައްދަވާފައިވާ ޤަވާޢިދު ތަންފީޒުކުރައްވަން މިހާރު ވަނީ ފަށްޓަވާފައެވެ. މި ޤަވާޢިދުގެ ދަށުން ދިވެހިބަހުގެ އެކެޑަމީން ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު އެއްކަމަކީ ސަރުކާރު އޮފީސްތަކުގައި ދިވެހިބަސް ބޭނުންކުރައްވާ ގޮތް ބެއްލެވުމަށްޓަކައި ޚާއްޞަ އޮޑިޓެއް ހިންގެވުމެވެ. 

މި އޮޑިޓުގައި އޮފީސްތަކުގައި ދިވެހި ބަސް ބޭނުންކުރާ ގޮތް ބައްލަވައި، ހުރި މައްސަލަތައް ރަނގަޅުކުރެއްވުމަށް ނަސޭޙަތާއި ލަފަޔާއި އިރުޝާދުދެއްވައި އަދި ތަމްރީން ދެއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއެވެ. ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، އޮފީސްތަކުގައި ދިވެހި ބަސް ބޭނުންކުރާ ގޮތް ބެއްލެވުމަށް މިކަމަށް ޚާއްޞަ އޮޑިޓް ކޮމެޓީއެއް އެ އެކަޑަމީގައި އުފައްދަވާފައިވާކަމަށެވެ. 

އަޝްރަފް ވިދާޅުވީ، މި ޕްރޮގްރާމް ހިންގެވުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގެ ދަށުން އޮޑިޓްކުރައްވާ އޮފީސްތަކުގައި މި ޕްރޮގްރާމް ހިންގެވުމަށް މިހާރު ތައްޔާރުވެވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މީސްތަކުންގެ ހިތަށާއި ފިކުރަށް ބަދަލު ނާންނަހާ ހިނދަކު ދިވެހި ބަހަށް މިދެވޭ ސަމާލުކަން ބޮޑުވެގެން އަންނާނެކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ރައްޔިތާގެ ސިކުނޑިއަށް އެއީ ހެޔޮބަދަލެއްކަމުގެ ވިސްނުންލިބި އޭނާގެ ހިތާއި ސިކުނޑިން ފިކުރުކޮށް އުފަލާ ހިންހަމަޖެހުމާއެކު ބަހަށް ޚިދުމަތް ކުރުމުގެ މާހަޢުލެއް އުފެއްދެންވީ. އެވިސްނުމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެހެންވީމާ އުންމީދު މި ކުރަނީ މިދެންނެވި ބަހުގެ އޮޑިޓް ޕްރޮގްރާމްގެ ތެރެއިން މި ނަތީޖާ ކުރިއަށް އޮތްތާނގައި ހާޞިލް ކުރެވޭނެކަމަށް" އަޝްރަފް ވިދާޅުވިއެވެ. 

ސަރުކާރު އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރެއްވުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ފަރާތުން ގެންދަވަނީ ތަމްރީން ޕްރޮގްރާމްތައް ހިންގަވަމުންނެެވެ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާތިމަތު ޙަބީބާ ވިދާޅުވީ، އެއިންސްޓިޓިއުޓުން ހިންގަވާ ތަމްރީން ޕްރޮގްރާމްތަކުގައި ދިވެހި ބަހަށް ޙާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އަދި އޮފީސް ދިވެހީގެ ނަމުގައި ދިވެހިބަހަށް ޙާއްޞަކުރައްވައިގެން ޙާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގަވާކަމަށާއި، މިދިޔަ އަހަރު އެންމެ ގިނައިން ހިންގަވާފައިވާނީ ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ކުރިއަށްގެންދަވާ އޮފީސް ދިވެހި ޕްރޮގްރާމްކަމަށް ޙަބީބާ ވިދާޅުވިއެވެ.

"އޮފީސްތަކުން އެންމެ ގިނައިން އެއް ޕްރޮގްރާމަކަށް ރިކުއެސްޓްކޮށްގެން ހިންގާފައިވާ ޕްރޮގްރާމަކީ އޮފީސް ދިވެހި ޕްރޮގްރާމް. އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި އޮފީސްތަކުންވެސް މިހާރު ދިވެހިބަހަށް ޙާއްޞަ ސަމާލުކަމެއް ދިނުމުގެ ގޮތުން އެ ޕްރޮގްރާމްތަކަށް އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރަނީ. މިދިޔަ އަހަރު އަޅުގަނޑުމެންނަށް ހިންގުނު ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމަކަށް އެންމެ ގިނައިން ހިންގިފައިވަނީ ހަމަ އޮފީސް ދިވެހި ޕްރޮގްރާމް" ޙަބީބާ ވިދާޅުވިއެވެ.

ސަރުކާރު އޮފީސްތަކުގައި ދިވެހިބަސް ބޭނުންކުރާ ގޮތް ބެއްލެވުމަށްޓަކައި ފެއްޓެވުމަށް ހަމަޖެހިފައިވާ އޮޑިޓް ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން މިދިޔަ އަހަރު ސަރުކާރުގެ އޮފީހެއްގައި މިފަދަ އޮޑިޓް ޕްރޮގްރާމެއް ހިންގަވާފައިވާނެ ކަމަށާއި އޭގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރެއްވުމަށް ދިވެހިބަހުގެ އެކެޑަމީން އެހީތެރިކަން ދެއްވާނެކަމަށް އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވިއެވެ.