ކުޅިވަރު

ހޭންޑްބޯލް ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްޕީއެލްއަށް


އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން އެމްޕީއެލް ހޯދައިފިއެވެ.

އެމްޕީއެލް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސްޓެލްކޯއާ ވާދަކޮށް 10 ޕޮއިންޓްގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. 25 ޕޮއިންޓް ސްޓެލްކޯއަށް ހޯދުނުއިރު ޗެންޕިއަންކަން ހޯދި އެމްޕީއެލްއިން ވަނީ 35 ޕޮއިންޓް ހޯދާފައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެމްޕީއެލްގެ އަޙްމަދު ރަޒުނީ މުޙައްމަދެވެ.

މިމުބާރާތުގެ ފިރިހެންބައިގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަން އެމްޕީއެލްގެ އަޙްމަދު ރަޒުނީ މުޙައްމަދު، ޢަބްދުﷲ ޒިޔާއު، އަޙްމަދު އަޒްމީލް ބިން އާދަމް، މުޙައްމަދު ފިރުޝާން. ސްޓެލްކޯގެ ރިފްޝާން ރަޝީދާއި އަޙްމަދު ސާއިފް ނަޢީމް އަދި ޕޮލިސް ކުލަބްގެ އިސްމާޢީލް އަޙްމަދެވެ.

މެޗަށްފަހު ޗެމްޕިއަން އެމްޕީއެލްގެ ކޯޗް ޢަލީ ސޮފީން ބުނީ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މުބާރާތަށް ތައްޔާރުވީ އެމްޕީއެލްކަމަށެވެ. މުބާރާތުގެ ޗެންޕިއަންކަން ހޯދުމަށް ޓާގެޓްކޮށް އެމްޕީއެލްއިން ވަރަށް ކުރިން ފަރިތަކުރުންތަށް ފަށާފައިވާކަމަށް ސޮފީން ބުންޏެވެ. އަދި ފައިނަލް މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދުވެސް ވަރަށް ހިންހަމަޖެހޭކަމަށް ސޮފީން ބުންޏެވެ.

img:http://s2.psmnews.mv/images/660x400/14868730719324.jpg|ރޭ ކުޅުނު ފައިނަލް މެޗްގެ ތެރެއިން \ ފޮޓޯ: ޕީއެސްއެމް

ސްޓެލްކޯގެ ކޯޗް ނަޝްފާ ޢާމިރާ ބުނީ ސްޓެލްކޯއަކީ މިމުބާރާތަށް އަދި އާ ޓީމެއްކަމަށާއި އަލަށް މުބާރާތުގައި ވާދަކޮށް، ފައިނަލާ ހިސާބަށް އާދެވުމަކީވެސް ކާމިޔާބީއެއްކަމަށެވެ. މުބާރާތުގައި ބައިވެރިވިއިރުވެސް ސްޓެލްކޯގެ އެންމެ ފުރަތަމަ އަމާޒަކަށްވީ ފައިނަލްގައި އެއްކޮޅުން ވާދަކުރުންކަމަށް ނަޝްފާ ބުންޏެވެ.

މިމުބާރާތުގެ ފިރިހެންބައި ކުރިއަށްދިޔައީ ދެ ބުރަކަށް ބަހާލައިގެންނެވެ. މިދިޔަ އަހަރު މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ އެމްއެންޑީއެފުންނެވެ.