ކުޅިވަރު

ހޭންޑްބޯލް މުބާރާތުގެ އަންހެންބައިގެ ޗެމްޕިއަންކަން އިމިގްރޭޝަން


ދެވަނަ އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތުގެ އަންހެންބައިގެ ޗެމްޕިއަންކަން ފަސޭހަކަމާއެކު އިމިގްރޭޝަން ހޯދައިފިއެވެ.

އިމިގްރޭޝަން މިބައިގެ ޗެންޕިއަންކަން ހޯދީ ފައިނަލްގައި ޔޫތު މިނިސްޓްރީއާ ވާދަކޮށް 15 ޕޮއިންޓްގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. ޔޫތް މިނިސްޓްރީއަށް 14 ޕޮއިންޓް ހޯދުނުއިރު، ޗެމްޕިއަންކަން ހޯދި އިމިގްރޭޝަން 29 ޕޮއިންޓް ހޯދިއެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ ފާޠިމަތު ރިޝްމާއެވެ. މިމުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަން އިމިގްރޭޝަންގެ ފާތިމަތު ރިޝްމާ، ނަޝްފާ ޢާމިރު، މިނިސްޓްރީ އޮފް ޔޫތުގެ ޝިޒްނާ ރަޝީދު، ޢާއިޝަތު ނާޒިމާ، އިސްރަތު ޙަމީދު އަދި އައިޖީއެމްއެޗްގެ އާމިނަތު ނަސްރާއާއި ޢާއިޝަތު ޝާނާ އިސްމާޢީލެވެ.

މެޗަށްފަހު ޗެމްޕިއަން އިމިގްރޭޝަންގެ ކޯޗް ޝިޒްނާ ރަޝީދު ބުނީ މިއީ ދެ ޓީމްގެ ކުޅުންތެރިންގެ ތަފާތު ފެނިގެންދިޔަ މެޗެއް ކަމަށެވެ. ޔޫތު މިނިސްޓްރީގެ ޓީމާ އަޅާބަލާއިރު މުޅި އިމިގްރޭޝަން ޓީމްގެ ކުޅުންތެރިން ވަރުގަދަވެފައިވާ ކަމަށް ޝިޒްނާ ބުންޏެވެ. އަދި ޤައުމީ ޓީމްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ޓީމުގައި ތިބުމުން ޗެންޕިއަންކަން ލިބޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ކުރިންވެސް އޮތްކަމަށް ޝިޒްނާ ބުންޏެވެ.

"މެޗަށް އައިއިރުވެސް ޗެމްޕިއަންކަން ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް. މެޗުގެ ކުރީކޮޅުގައި ލީޑުގައި އޮވެގެން ކުޅުމުގެ ފުރުސަތު ލިބުމުން، ކުޅުންތެރިންނަށް މެޗްގައި ހަމަޖެހިލައިގެން ކުޅުމުގެ ފުރުސަތު ލިބިގެންދިޔަ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗް ކުރިއަށްދިޔަ ވަރަކަށް ލީޑު އިތުރަށް ފުޅާވެގެންދިޔަ. އަސްލު ބޭނުންވީ މިއަށްވުރެއްވެސް ބޮޑު ލީޑެއް ނަގަން." އިމިގްރޭޝަންގެ ކޯޗް ޝިޒްނާ ރަޝީދު ބުންޏެވެ. img:http://s2.psmnews.mv/images/660x400/14868737999541.jpg|ޗެމްޕިއަން އިމިގްރޭޝަން ޓީމަށް ތަށި ހަވާލުކުރަނީ - ފޮޓޯ ޕީއެސްއެމް

ޔޫތް މިނިސްޓްރީގެ ކޯޗް އިބްރާހީމް ހައިޝަމް ޢަބްދު ﷲ ބުނީ ޔޫތް މިނިސްޓްރީގެ ޓީމުން މެޗްގައި ވަރަށް ހިތްވަރުކުރި ކަމަށާއި ނަމަވެސް މެޗް ކުރިއަށްދިޔަ ވަރަކަށް އިމިގްރޭޝަން ކަހަލަ ތަޖްރިބާ ގިނަ ކުޅުންތެރިންނާއި ދެކޮޅަށް ކުޅުމަށް ޔޫތު މިނިސްޓްރީ ޓީމަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

"އިމިގްރޭޝަން ޓީމާ އަޅާބަލާއިރު، ޔޫތު މިނިސްޓްރީ ޓީމަކީ ތަޖްރިބާގެ ގޮތުންވެސް މަދު ކުޅުންތެރިންތަކެއް ތިބި ޓީމެއް. މެޗަށް އައިއިރުވެސް އިމިގްރޭޝަން ޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަން އެނގޭ، އަދި މެޗުން މޮޅުވުމަށް ވަރަށް ހިތްވަރު ކުރަންޖެހޭކަންވެސް އެނގޭ. ކުޅުންތެރިން ވަރަށް ހިތްވަރު ކުރި" ޔޫތު މިނިސްޓްރީ ޓީމްގެ ކޯޗް ބުންޏެވެ.

މި މުބާރާތުގެ އަންހެންބައި ކުރިއަށް ގެންދިޔައީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ.