ވިޔަފާރި

ޖެނުއަރީމަހު ދައުލަތަށް ލިބުނު ޢާމްދަނީ 27 އިންސައްތަ އިތުރު


2016 ވަނަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީމަހު ދައުލަތަށް ލިބުނު ޢާމްދަނީ 27.2 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ޢާއްމުކުރައްވާފައިވާ ޖެނުއަރީމަހު ދައުލަތުގެ ޢާމްދަނީ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީމަހު ދައުލަތައް ޢާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ މީރާއަށް ލިބޭނެކަމަށް އަންދާޒާކުރައްވާފައިވާ އަދަދަށްވުރެ %26.1 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 1.7 ބިލިއަން ރުފިޔާއެވެ.

ހުސްވި ޖެނުއަރީމަހު ދައުލަތައް ލިބުނު ޢާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބީ.ޕީ.ޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ ޢަދަދު އިތުރުވުމެވެ.

ޖެނުއަރީމަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ ޖެނުއަރީމަހުގެ ތެރޭގައި މީރާއަށް ބަލައިގަތް ޢާމްދަނީގެ 43.2 އިންސައްތަ ނުވަތަ 943.9 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. ޖެނުއަރީމަހު ޖީއެސްޓީގެ ގޮތުގައި 742.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 66.3 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 60.94 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި މުއްދަގެތެރޭގައި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 178 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

ޖެނުއަރީމަހުގެ ތެރޭގައި 2 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ބަލައިގެންފައިވާއިރު، މިއީ އެއޮތޯރިޓީގެ ތާރީޚުގައިވެސް އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް ފައިސާ ބަލައިގެންނެވި ފަހަރެވެ.

ޖަނަވަރީ މަހަކީ ޓެކުހުގެ މުހިއްމު ސުންގަޑިތަކެއް އަންނަ މަހެކެވެ. އެގޮތުން ޖެނުއަރީ 29 ވަނަ ދުވަހަކީ 2016ގެ ފަހުކުއާޓަރ އަދި ޑިސެމްބަރުމަހުގެ ޖީ.އެސް.ޓީ ދެއްކުމުގެ ފަހުދުވަހެވެ. އަދި ޖެނުއަރީމަހުގެ 31 ވަނަ ދުވަހަކީ 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ފަހުދުވަހެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދެއްވުމުގެ ގޮތުން ދައުލަތުގެ ޓެކްސް އިދާރާއިން ވަނީ މީރާގެ އޮފީސްތަކުގެ އިތުރުން، ކުރީގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ވަގުތީ ކައުންޓަރުތަކެއް ޤާއިމުކުރައްވާފައެވެ.

ޖެނުއަރީމަހުގެ ތެރޭގައި އަށާވީސްހާހަށްވުރެ ގިނަ ފަރާތްތައް ޚިދުމަތް ދީފައިވާކަމަށް އެ އޮތޯރިޓީން ވަނީ ވިދާޅުވެއެވެ.