ވިޔަފާރި

އިޤްތިޞާދު ދަނީ ހަލުވިކަމާއިއެކު ކުރިއަށް - ގަވަރުނަރު


ރާއްޖޭގެ އިޤްތިޞާދު ވަރަށް ހަލުވިކަމާއިއެކު ކުރިއަރަމުން އަންނަކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެންއޭ)ގެ ގަވަރުނަރު ޑރ.އަޒީމާ އާދަމް ވިދާޅުވެއްޖެއެވެ. 

ކޯޕަރޭޓް މޯލްޑިވްސްގެ ގޯލްޑް ހަންޑްރެޑް ގާލާ ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ޑރ.އަޒީމާ އާދަމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުންވެސް ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ ދާއިރާތައް އެދެވޭގޮތެއްގައި ކުރިއަރަމުން އަންނަކަމަށެވެ. ޙާއްސަގޮތެއްގައި ޢިމާރާތްކުރުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ.އަޒީމާ އާދަމް ވިދާޅުވީ، 2015 އަހަރު ބޭންކްތަކުން، މަރުކަޒީ ބޭންކް، އެމްއެމްއޭގައި ބަހައްޓާ މިނިމަމް ރިޒާވް %10 ދަށްކުރުމުން އެކަމުގެ ހެޔޮއަސަރު ރާއްޖޭގެ އިޤްތިޞާދުން ފެންނަމުންދާކަމަށެވެ.

ބޭންކްތަކުން މަރުކަޒީ ބޭންކްގައި ބަހައްޓަންޖެހޭ ފައިސާގެ އަދަދު %20 އިން %10 އަށް ދަށްކުރުމުން، ބޭންކްތަކުން އެކިފަރާތްތަކަށް ދޫކުރާ ލޯންގެ ޢަދަދު އިތުރުވެ، އެކަމުގެ މަންފާ ރާއްޖޭގެ ވިޔަފާރީގެ މައިދާނުން ފެންނަމުންދާކަމަށް އަޒީމާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަކަމަށް ގަވަރުނަރު ފާހަގަކުރައްވާފައިވާއިރު، މިހިނގާ 2017 އަހަރު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން 4.7 އިންސައްތަ ކުރިއަރާނޭކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

2017 އަހަރު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނޭކަމަށް ސަރުކާރުން ލަފާކުރައްވާފައިވަނީ، ޢިމާރާތްކުރުމުގެ ދާއިރާއަށް އަންނާނެކަމަށް ލަފާކުރެވޭ ކުރިއެރުމާއި ފަތުރުވެރިކަމުގެ ދާއިރާ މިހާރު އޮތް މަޑެޖެހުމުން އަރައިގަނެ އިތުރަށް ހަލުވިވާނެކަމަށް ލަފާކުރެވޭތީއެވެ.