ކުޅިވަރު

ޑިލައިޓް އަލީ ލަތީފް ވީ.އޭ.އެމްގެ އެކްސްކޯއަށް


ޑިސިޕްލިނަރީ ކޮމިޓީގެ ޗެއަރމަންކަމަށް ޑިލައިޓް އަލީ ލަތީފް ހަމަޖެއްސުމުން، އޭނާއަށް އެކްސްކޯގެ ގޮނޑިއެއް ލިބިއްޖެއެވެ.

މުޙައްމަދު ރިޔާޒުގެ ދައުރުގައި އެކްސްކޯގައި މަސައްކަތްކުރެއްވި އަލީ ލަތީފް އަލުން ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯއަށް މިއައީ އެސޯސިއޭޝަންގެ މިހާރުގެ ރައީސް މުޙައްމަދު ލަތީފްއާއި ގާތްކޮށް މަސައްކަތްކުރައްވާތާ ދުވަސްތަކެއް ފަހުންނެވެ. އޭނާއަކީ ރިޔާޒުގެ ދައުރުގައިވެސް އަދި މިހާރުވެސް ޤައުމީ ފިރިހެން ވޮލީ ޓީމްގެ މެނޭޖަރެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ޑިސިޕްލިންގ ކޮމިޝަންގެ މަޤާމް ހުސްވީ އެމަޤާމްގައި ކުރިން ހުންނެވި މުޙައްމަދު ނަޝީދު (ކާނަލް)އަށް މަޤާމްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭކަމަށްބުނެ، މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަކިކުރެއްވުމުންނެވެ. 

ލަތީފް އެމަޤާމަށް ހަމަޖެއްސިއިރު، ރިޔާޒުގެ ދައުރުގައި އެސޯސިއޭޝަންގައި މަސައްކަތްކުރައްވާ، ޤައުމީ ވޮލީޓީމްގެ ކޯޗުކަންވެސް ކުރެއްވި މުޙައްމަދު ޝަރަފަކީ މިހާރު އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރެވެ. އަދި މިހާރު ޤައުމީ ޓީމްގެ ކޯޗަކީވެސް އޭނާއެވެ.

މިބަދަލުތައް ގެނެސްފައިވާއިރު އެސޯސިއޭޝަންގެ ނައިބުރައީސް އިއްޒަތު ވަހީދު އެސޯސިއޭޝަން ހިންގުމުގެ އެއްވެސްކަމެއްގައި ބައިވެރިއެއް ނުވެއެވެ. ޔޫތް ސްޕޯރޓްސް ކްލަބުން ވަނީ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް މަޤާމް ގެއްލުވާލަންވެސް މަސައްކަތްކޮށްފައެވެ. އެކްލަބްގެ ރައީސްކަމާއި، މެމްބަރުކަމުން ލަތީފް ވަކިކޮށް، އޭނާގެ މަޤާމާއި މެދު ޔޫތް ސްޕޯރޓްސް ކްލަބުން ސުވާލު އުފައްދައި ހޯމް މިނިސްޓްރީއަށާއި، ވޮލީބޯޅަ އެސޯސިއޭޝަނަށް ސިޓީވެސް ލިއެވެ. ނަމަވެސް އަދިވެސް އެސޯސިއޭޝަންގެ ރައީސްއަކީ މުޙައްމަދު ލަތީފެވެ.