ކުޅިވަރު

ފުޓްބޯޅައިގެ ހުނަރާއި ފޯރި މިއޮތީ


ފުޓްބޯޅައިގެ ފޯރިއަށް ހީނަރުކަން އައިސްފިއެވެ. އެއީ ދެބަސްވެވެން ނެތް ހަޤީޤަތެއް ނަމަވެސް، އެފޯރި އަލުން ގެނެވިދާނެކަމީވެސް ފެންނަން އޮތް ހަޤީޤަތެކެވެ.

އެހަޤީޤަތް އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ނިމުނު މައިލޯ ކިޑްސް ފިއެސްޓާގެ ތެރެއިންނެވެ. ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް މެޗުތައް ކުޅެމުންދިޔައިރުވެސް ފުޓްބޯޅައިގެ ފޯރިއާއި ހުނަރު ހެންވޭރު ދަނޑުން ފެނިގެންދިޔައެވެ. ބައެއް ކޯޗުންނާއި ކުޅިވަރުގެ ބޭފުޅުން ދައްކަމުންދިޔަ އެއް ވާހަކައަކީ ބެލެނިވެރިން ކުދިން ކުޅުމަށް ހުސްކުރަން ބޭނުން ނުވާވާހަކައެވެ. ބޮޑުވެގެން ކެރިއަރއެއްގެ ގޮތުގައި ފުޓްބޯޅަ ނުވަތަ ކުޅިވަރު އިޙްތިޔާރުކުރުމުގެ ފުރުޞަތު ދޭން ބޭނުން ނުވާހަކައެވެ. ނަމަވެސް ފެނުން މަންޒަރުން އެއީވެސް މިހާރު ބަހުޘް ކުރެވިދާނެކަމެކެވެ. 

17 ސްކޫލުން ދެހާހެއްހާ ކުދިން ނުވަތަ ކުރިމަގުގެ ކުޅުންތެރިން ނިކުމެ ދެއްކި ކުޅުމާއި، ހުނަރު އަދި ބެލެނިވެރިންނާއި ޓީޗަރުންގެ ފޯރިން ދައްކުވައިދިން ހަޤީޤަތަކީ ދިވެހި ފުޓްބޯޅައިގެ ރަނގަޅު ކުރިމަގެއް އެބައޮތްކަމެވެ. ނުވަތަ ހުނަރުވެރި ކުޅުންތެރިން އިތުރަށް ހުނަރުވެރި ކުރުވައިގެން ކުރިމަގުގައި ފުޓްބޯޅައިން ބޮޑަތި ކާމިޔާބީތަކެއް ހޯދިދާނެކަމެވެ. ހުސްވެފައިވާ ފުޓްބޯޅަ ސްޓޭޑިއަމްގެ ފަޅުކަން ފިލުވާނުލެވެންވީ ސަބަބެއްވެސް ފެނުނު މަންޒަރުތަކަށް ބަލާއިރު ނެތެވެ.

img:http://s4.psmnews.mv/images/660x400/14877449216136.jpg|ފިއެސްޓާގެ ކާމިޔާބީ ބައިވެރިން ފާހަގަކުރަނީ: ފޮޓޯ-އިމޭޖަސް ޑޮޓް އެމްވީ

ކުރީގެ ކުޅުންތެރިޔާ އަލީ ޝަމީމާއި އަހުމަދު ނިޔާޒު އިސްވެ ބާއްވަމުން އަންނަ ކިޑްސް ފިއެސްޓާގެ ނަތީޖާ ރަނގަޅެވެ. ސޮކަރ ވެޓަރެންސް އެސޯސިއޭޝަނުން މިމަސައްކަތް ފެށީ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުޞަތެއް ހޯދައިދޭށެވެ. ނަމަވެސް މިހާރު މިވަނީ އެހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު އިހުނަށްވުރެ ބޮޑަށް ބޭނުންވެފައެވެ.

" ވަރަށް ގިނަ ކަންކަން ހާޞިލްވެއްޖެ. ފުރުޞަތެއް ދޭން ފެށީ. ކުދިންނަށް މައިންބަފައިންގެ ސަޕޯރޓް އެންމެ ބޮޑަށް ލިބުނީ. މައިންބަފައިންގެ ޝައުޤު ބޮޑުވީ މިފިއެސްޓާއިން. ހަވީރަސް، މެންދުރަސް، ރޭގަނޑަސް ބެލެނިވެރިން ކުދިން ގޮވައިގެން އެތަނަށްދާން ފެށީ. ބެލެނިވެރިން 4 ދުވަހަށް ޗުއްޓީ ނަގައިގެން ކުދިންނާއެކު ހޭދަކުރޭ." ބެލެނިވެރިން ކުދިން ފުޓްބޯޅައަށް ހުސްކުރަން ފަސްޖެހޭ ފަސްޖެހުން ނިމުމަކަށް އަންނަކަން ފާހަގަކުރަމުން އަލީ ޝަމީމް ބުންޏެވެ.

ހަޤީޤަތުގައިވެސް އެތަނުން ބެލެނިވެރިންގެ ފޯރި އިންތިހާއަށް ފެނުނެވެ. ކޮންމެ މެޗެއް ބެލުމަށް ސަޕޯރޓް ކުރުމަށް ބެލެނިވެރިން، އާއިލާ އަދި ޓީޗަރުން ދިޔައީ ނިކަން ރަނގަޅަށް ތައްޔާރުވެސް ވެގެންނެވެ. މޮޅު ވުމުން ނުވަތަ ގޯލް ޖެހުމުން އެކުދިން ގައިގަ ބައްދާލާ، ފޯރި ދެމުން ދިޔަ މަންޒަރަކީ ނުހަނު ޝައުޤުވެރި ކުޅިވަރުގެ ބާރު ދައްކުވައިދިން ކަންކަމެވެ. އެއް ކުލައަކުން ހެދުން އަޅައި، ބެލެނިވެރިން ކުދިންނާއެކު ތިބި ތިބުން ފުޓްބޯޅައިގެ ފޯރި އިންތިހާއަށް އޮތްކަން ސާބިތުވެއެވެ.

img:http://s4.psmnews.mv/images/660x400/14877449880321.jpg|ލަނޑު ޖެހުމަށްފަހު ކުޅުންތެރިއަކު އުފާ ފާޅުކުރަނީ: ފޮޓޯ- އިމާޖަސް ޑޮޓް އެމްވީ

ނަމަވެސް ސުވާލުއުފެދޭ ކަމަކީ މިއީ ހަމައެކަނި ވަގުތީ ނުވަތަ ފޮޓޯއަކަށް ކޮށްލާ ކަމެއްތޯއެވެ. އެބިރު ކޯޗު ހީނާ އަހުމަދު ސަލީމްގެ އެބައޮތެވެ. އެންމެ ދުވަސްވީ އެކަޑަމީ އެންމެ ގިނަ ކުދިންނާއެކު ހިންގަމުން އަންނަ ހީނާ ސަލީމްގެ ކަންބޮޑުވުމަކީ މިކަމަކީ ފޮޓޯއަކަށް ކޮށްލާކަމަކަށް ވެދާނެތީއެވެ.

" ވަގުތީ ގޮތަކަށް ވިސްނާކަން ފާހަގަކުރެވެނީ ގިނަބެލެނިވެރިން. ފޮޓޯއަކަށް ކޮށްލާކަމެއްހެން ހީވޭ. އެހެން ނަމަވެސް ބައެއް ބެލެނިވެރިން ވަރަށް ބަރާބަރު. " ކިޑްސް ފިއެސްޓާގެ ތެރޭގައި ހެންވޭރު ދަނޑުގައި ގިނަ ވަގުތު ހޭދަކުރި ހީނާ ކަންބޮޑުވުން ފާޅުކުރިއެވެ.

ނަމަވެސް ކުދިންގެ ހުނަރާމެދު އޭނާގެވެސް ސުވާލެއް ނެތެވެ. ތަފާތު މޮޅު ކުޅުންތެރިން ތިބިކަން ހީނާ ފާހަގަކުރިއެވެ. ނަމަވެސް ކަންބޮޑުވުމަކީ އާދަޔާ ހިލާފް މޮޅު ކުދިންގެ އަދަދު ނިސްބަތުން މަދުވުމެވެ.

" 10% ކުދިން މިތިބީ އާދަޔާ ހިލާފް މޮޅު. އެއީ ރެގިއުލަރކޮށް ފުޓްބޯޅަ ކުޅޭ ކުދިން. ދެން މިތިބެނީ ހަފްތާއެއް ދެހަފްތާ ޕްރެކްޓިސްކޮށްލާފަ މުބާރާތް ކުޅެލަން އަންނަ ކުދިން. ކޮންމެ ޓީމެއްގައިވެސް ތިން ހަތަރު ކުދިން އެބަތިބި ހަމަ ތަފާތު މޮޅު " ވެލެންސިޔާގެ އެކަޑަމީއާއެކު އެލީޓް ގްރޫޕް އުފައްދަން ތައްޔާރުވަމުން އަންނަ ހީނާ ސަލީމް ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14877450220282.jpg|ލަނޑަށްފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ: ފޮޓޯ- އިމޭޖަރސް ޑޮޓް އެމްވީ

މިފަހަރުގެ ފިއެސްޓާގައިވެސް 17 ސްކޫލަކުން 33 ޓީމް ޓީމް ވާދަކުރިއެވެ. އަލީ ޝަމީމް ފާހަގަކުރާ ގޮތުގައި ކޮންމެ ޓީމެއްގައިވެސް ތަފާތު މޮޅު ތިން ހަތަރު ކުޅުންތެރިން ފާހަގަކުރެވުނެވެ. ކޮންމެ ޓީމަކުން ތިން ކުދިން ނެގި ނަމަވެސް އެއީ ތަފާތު މޮޅު 102 ކުދިން ނުވަތަ ކުރިމަގުގެ މޮޅު ކުޅުންތެރިންނެވެ. އެއީ ހަމައެކަނި ދެ އުމުރުފުރާއަކުންނެވެ.

" ފިއުޗަރ ހުނަރު ބަލާއިރު ދަނޑުމަތިން ޓީވީން ބަލާއިރު ފެންނާނެ ތަފާތު މޮޅު އާދަޔާ ހިލާފް މޮޅު ކުޅުންތެރިން. ކޮންމެ ޓީމެއްގައި އެބަތިބި ތިން ހަތަރު ކުޅުންތެރިން ތަފާތު. މޮޅު ކޯޗުންނާއެކު މިތައްޔާރުވަނީ. މިފިއެސްޓާ ނިމުނީމަ ބެލެނިވެރިން ޝައުޤުވެރިވީމާ ކުދިން އިތުރަށް މޮޅުކުރަން އެބަގެންދޭ އެކަޑަމީއަށް. ތިން ހަތަރު އަހަރު ކުޅޭއިރު އާދަޔާ ހިލާފް މޮޅު. ފުރަތަމަސްޓޭޖްގައި މިދައްކާލަނީ. ދެން އަންނަންވީ އެކުދިން ގެންގޮސް ޑިވެލޮޕްކުރާނެ ބައެއް. މޮޅުކޮށްދޭނެ ބައެއް. އެފްއޭއެމްއިން އެކަން ކޮށްފިއްޔާ ވަރަށް އުފާވެރި." އަލީ ޝަމީމްގެ އުއްމީދަކީ މިއީއެވެ.

ގޯލެއް ޖެހުމަށްފަހު ކުދިން ކޮށްލި " ސެލެބްރޭޓް " އަކީވެސް ޝައުޤުވެރި މަންޒަރުތަކެކެވެ. މެޗުތަކުން ބަލިވުމުން ރޮމުން ދަނޑުން ފައިބައިގެން އައި މަންޒަރުތަކަކީ " އިމޯޝަނަލް " މަންޒަރުތަކެކެވެ. ދަނޑުމަތީގައި ކުދިން ދައްކާލި އާދަޔާ ހިލާފް ހުނަރުތަކަކީ " ޢާޝޯހް " ވާފަދަ ހުނަރުތަކެކެވެ. ކުދިންނާއެކު ބެލެނިވެރިން އުފާފާޅުކުރި މަންޒަރަކީ " ޖޯޝް " ހުރި މަންޒަރުތަކެކެވެ. 

img:http://s3.psmnews.mv/images/660x400/14877450686042.jpg|ލަނޑަށްފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ: ފޮޓޯ- އިމޭޖަރސް ޑޮޓް އެމްވީ

މިއާއެކު މޯލްޑިވްސް ސޮކަރ ވެޓަރެންސްގެ އުއްމީދަކީ އުމުރުން 19 އަހަރު ވަންދެން މެދު ނުކެނޑި ކުޅުމުގެ ފުރުޞަތު ކުރިމަގުގެ ކުޅުންތެރިންނަށް ލިބުމެވެ.

" އުއްމީދަކީ 19 އަހަރާ ހަމައަށް މެދުނުކެނޑި ކުޅުމުގެ ފުރުޞަތު ހޯދައިދިނުން. ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއް މިއީ ފުޓްބޯޅައަށް ލޯބިކުރާ މީހެއްގެ ހައިޞިއްޔަތުން. " ފިއެސްޓާގެ ހަރަކާތްތައް ހިންގުމުގައި ޓެކްނިކަލީ އަދި އަމަލީ ގޮތުންވެސް މުޙިއްމު ދައުރެއް އަދާކުރަމުން އަންނަ ކުރީގެ ޑިފެންޑަރ އަހުމަދު ނިޔާޒު ބުންޏެވެ.

އަހަރެމެން ދިވެހި ކުޅިވަރަށް ލޯބިކުރާ އެންމެންގެ އުއްމީދަކީ އެހުނަރުވެރި ކުޅުންތެރިން ކްލަބް ފުޓްބޯޅައިން ކުރިމަގުގައި ފެނުމެވެ. ޤައުމީ ޖަރޒީގައި ތަފާތު ދެއްކުމެވެ. އެކުދިންގެ ބެލެނިވެރިންނާއި، ޓީޗަރުން އަދި އާއިލާގެ މެމްބަރުން ވަދެ ރަސްމީ ސްޓޭޑިއަމްގެ ފަޅުކަން ފިލުވާލަދިނުމެވެ.