ކުޅިވަރު

109 ޓީމާއެކު އެންމެ ބޮޑު ފުޓްސެލް މުބާރާތް ޔޫތް ސިޓީގައި


ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް 109 ޓީމާއެކު އަންނަ ހުކުރު ދުވަހު ޔޫތް ސިޓީގައި ފަށާނެއެވެ. 

ހުޅުމާލޭގައި ބާއްވާ މިމުބާރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޒުވާނުންނަށް އަމާޒުކޮށް ބާއްވާ މުބާރާތެކެވެ. " އެޗް.ޑީ.ސީ ޔޫތް ކަޕް 2017 " ވެގެންދާނީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ޓީމް ބައިވެރިވެގެން ބާއްވާ އެންމެ ބޮޑު މުބާރާތާށެވެ. ޢާއްމުކޮށް ހުޅުވާލުމުން ބައިވެރިވި ޓީމްތަކުގައި ހިމެނޭނީ 16 އަހަރުން މަތީގެ ޒުވާން ކުޅުންތެރިންނެވެ. ނޮކްއައުޓް އުޞޫލުން ކުރިއަށްގެންދާ މުބާރާތް ދެހަފްތާގެ މުއްދަތަށް ކުރިއަށްދާނެއެވެ. 

މުބާރާތުގެ ޗެމްޕިއަން ޓީމަށް 80،000 ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. އަދި ދެވަނަ ޓީމަށް 40،000 ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. ފެއަރޕްލޭ ޓީމަށްވެސް 20،000 ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށްގެންދާ މިމުބާރާތަކީ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުންގެ ސިޓީގައި ޒުވާނުންނަށް ފުރުޞަތު ހޯދައިދީ ކަންކަމުގައި ޒުވާނުން ބައިވެރިކޮށް، ކުޅިވަރުގެ ފުރުޞަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެއްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެކޯޕަރޭޝަނުން މަސައްކަތްކުރައްވަނީ ކުޅިވަރުގެ ތެރެއިންވެސް ޒުވާނުންނަށް ރައްކާތެރި އަމާން ޒުވާނުންގެ ބައިވެރިވުން އޮތް ޒުވާނުންގެ ސިޓީއަކަށް ހުޅުމާލެ ހެދުމަށެވެ. 

" ރަހުމަތްތެރި މާހައުލެއްގައި ކުޅިވަރުގެ ތެރެއިން މުޖުތަމައުގެ ގުޅުން ބަދަހިކުރުމަކީ މުބާރާތުގެ ވަރަށް ބޮޑު އަމާޒެއް " މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

މިމުބާރާތް ކޮންމެ އަހަރަކުވެސް ބާއްވަން އެޗް.ޑީސީން ވަނީ ނިންމަވާފައެވެ.

ހުޅުމާލެ ޔޫތް ސިޓީއެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރައްވަނީ ކުޅިވަރުގެ ގިނަ ވަޞީލަތްތަކާއެކުގައެވެ. އެގޮތުން ބައިނަލްއަޤްވާމީ ފުޓްބޯޅަ ސްޓޭޑިއަމްއާއި، ކްރިކެޓް ސްޓޭޑިއަމްއާއި، ކުޅިވަރު އެރީނާއާއި، ސިންތެޓިކް ޓްރެކް ޤާއިމްކުރެއްވުމުގެ މަސައްކަތްތައްވެސް ސަރުކާރުން ވަނީ އެކި ލެވެލްގައި ފައްޓަވާފައެވެ. ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ނިމެން ކައިރިވެފައިވާއިރު، ބޮޑަތި ބައެއް މަޝްރޫޢުތައް ފެއްޓެވުމަށް ސަރުކާރުން އަންނީ ތައްޔާރުވަމުންނެވެ.