ކުޅިވަރު

އޮފީސް ނެޓްބޯޅަ މުބާރާތުގެ ފައިނަލްގައި އިމިގްރޭޝަނާއި ކަސްޓަމްސް


އިންޓަރ އޮފީސް ކުންފުނި ތަކުގެ ނެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުން މޯލްޑިވްސް އިމިގްރޭޝަންއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޖާގަ ހޯދައިފިއެވެ.

އިމިގްރޭޝަން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި މީރާއާއި ވާދަކޮށް ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްގެންނެވެ. އިމިގްރޭޝަން މެޗު ކާމިޔާބުކުރީ 40 ޕޮއިންޓް 6 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިމިގްރޭޝަންގެ ފަދުވާ ޒާހިރެވެ. ފައިނަލްގައި އިމިގްރޭޝަން ވާދަކުރަން ޖެހޭނީ ކަސްޓަމްސްއާއެވެ.

ކަސްޓަމްސް ފައިނަލުން ޖާގަ ހޯދީ މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ކަސްޓަމްސް މެޗު ކާމިޔާބުކުރީ 38 ޕޮއިންޓް 18 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައިމިނަތު ހަލީމެވެ.

ފިރިހެން ޑިވިޝަންގެ ސެމީފައިނަލް މެޗު ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީވެސް ކަސްޓަމްސްއެވެ. އެއީ ސެމީފައިނަލްގައި އާސަންދަ ކޮމްޕެނީ ބަލިކޮށްގެންނެވެ.

ކުރިން މާދަމާރޭ ކުޅެން އޮތް ފައިނަލް މެޗު ނެޓްބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ ފަސްކޮށްފައެވެ.