ކުޅިވަރު

ވީ.އޭ.އެމްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓްކަށް ރަނޭ


ވޮލީބޯޅަ އެސޯސިއޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް މުޙައްމަދު ރަނޭޝް (ރަނޭ ) ހަމަޖައްސަވައިފިއެވެ.

ސީނިއަރ ޤައުމީ ވޮލީ ޓީމްގެ ކުރީގެ ކެޕްޓަން ރަނޭޝް އެމަޤާމަށް ހަމަޖެއްސެވިކަން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ރަނޭއަކީ އެސޯސިއޭޝަންގެ ހަޒާންދާރުވެސްމެއެވެ. ރަނޭ ސީނިއަރ ވައިސްޕްރެޒިޑެންޓްގެ މަޤާމަށް ހަމަޖެއްސިއިރު އިންތިޚާބީ ނައިބުރައީސް އިއްޒަތު ވަހީދު އެސޯސިއޭޝަންގެ އެއްވެސް ކަމެއްގައި ބައިވެރިއެއްނުވެއެވެ. އެސޯސިއޭޝަންގެ ރައިސްއާއި ނައިބުރައީސް އިއްޒަތުއާ ދެމެދު ވަނީ ހިޔާލު ތަފާތުވެފައެވެ.

މިދިޔަ ދުވަސްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ގިނަ މަޤާމްތަކަކަށް ވަނީ ބޭފުޅުން ހަމަޖައްސަވާފައެވެ. އެގޮތުން ޑިރެކްޓަރ މާކެޓިންގެ މަޤާމަށް މުޙައްމަދު ޝާފީއާއި، ޓެކްނިކަލް ޑައިރެކްޓަރ އަދި ޤައުމީ ޓީމްގެ ކޯޗުގެ މަޤާމަށް މުޙައްމަދު ޝަރަފާއި، ޑިސިޕްލިންގ ކޮމިޝަންގެ ޗެއަރމަންގެ މަޤާމަށް ޑިލައިޓް އަލީ ލަތީފާއި، ބީޗް ވޮލީ ކޮމިޝަންގެ ޗެއަރމަންގެ މަޤާމަށް އަބުދުﷲ ނަޝީދު ހަމަޖެއްސެވުން ހިމެނެއެވެ.