ކުޅިވަރު

ވިކްޓްރީގެ ކެޕްޓަނަކަށް އީސަ


ވިކްޓްރީގެ ކެޕްޓަނަކަށް އިސްމާއީލް އީސާ (މެސީ) އަދި ވައިސް ކެޕްޓަނުންނަށް ރިލްވާން ވަހީދުއާއި ހަސަން އަދުހަމް ހަމަޖައްސައިފިއެވެ.

މިއަދު އޮތް ވިކްޓްރީގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ވިކްޓްރީގެ ކެޕްޓަނާއި ވައިސްކެޕްޓަނަށް ކެޕްޓަންކަން ހަވާލުކުރީ އެޓީމްގެ ކުރީގެ ކީޕަރު އަދި ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދިން މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

އިސްމާއީލް އީސާއަކީ ވިކްޓްރީން ވިދާލައި ފަހުން ނިއުއާއި މާޒިޔާއާއި އީގަލްސްއަށްވެސް ކުޅުނު މިޑްފީލްޑަރެކެވެ. މިއަހަރު އަލުން ވިކްޓްރީއާއި ގުޅުނީ މިދިޔަ ދެ އަހަރު މާޒިޔާގައި ހޭދަކުރުމަށްފަހުއެވެ.

އަދުހަމްވެސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ވިކްޓްރީންނެވެ. ފަހުން އީގަލްސްއަށްވެސް ކުޅެ، މިދިޔަ އަހަރު އޭނާ ފެނުނީ ކްލަބް ވެލެންސިޔާގެ މުޙިންމު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރިލްވާން ވަހީދަކީ މިދިޔަ ސީޒަންގައި ވިކްޓްރީގެ ކެޕްޓަނެވެ. މިދިޔަ އަހަރު އޭނާ ވިކްޓްރީއާ ގުޅުނީ ނިއުގެ ސަސްޕެންޝަނެއްގައި ހުރުމަށްފަހު، އެކްލަބުން ދޫކޮށްލުމުންނެވެ.

މިދިޔަ އަހަރުތަކުގައި ބަލި ޓީމެއްގެ ގޮތުގައި އޮތް ވިކްޓްރީ މިއަހަރު އަލުން ވަރުގަދަ ޓީމެއްގެ ގޮތުގައި ނިކުންނަނީ ތަށި ހޯދާށެވެ. ދިވެހި ސީނިއަރ ބައެއް ކުޅުންތެރިންގެ ތެރެއަށް މިދިޔަ އަހަރު ރާއްޖޭގައި މޮޅަށް ކުޅުނު ބިދޭސީ ހަތަރު ކުޅުންތެރިން އެކްލަބުން ވަނީ ގެންގޮސްފައެވެ.

ވިކްޓްރީން މުޙައްމަދު ޝާޒްލީއާއެކު ފަރިތަކުންތައް ފެށި ނަމަވެސް އެފްއޭއެމްގައި ޓީމް ރަޖިސްޓްރީ ކުރިއިރު ޝާޒްލީގެ ނަމެއް ލިސްޓްގައި ނެތެވެ. ޖެހިގެން އައި ދުވަހު ޝާޒްލީ ވަކިކޮށް، ކޯޗުކަށް އަލީ ސުޒޭން ވަނީ ހަމަޖައްސާފައެވެ. މިހާރު ވިކްޓްރީ ތައްޔާރުވަމުން އަންނަނީ ވިކްޓްރީއަށް ތަށި ތަކެއް ހޯދައިދިން ކޯޗު އަލީ ސުޒޭނާ އެކުގައެވެ.

މިސީޒަންގައި ވިކްޓްރީ ކުޅޭ ފުރަތަމަ މެޗަކަށް ވާނީ އެސްޓީއޯ މާލޭ ލީގުގައި މާދަމާރޭ ގްރީން ސްޓްރީޓާ ވާދަކުރާ މެޗެވެ.