ޚަބަރު

ޔުނިވަރސަލް ފައުންޑޭޝަނުން ޓައިނީ ހާޓްސްއަށް އެހީތެރިވަނީ


އުފެދުމުގައި ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިވާ ޖަމިއްޔާއެއްކަމަށްވާ ޓައިނީ ހާޓްސްއިން ކުރިއަށްއޮތް އެއްއަހަރުދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޗެރިޓީ ޕްރޮގްރާމްތަކަށް މާލީ ގޮތުންނާއި ފަންނީގޮތުން އެހީތެރިވެދިނުމަށް ޔުނިވަރސަލް ފައުންޑޭޝަނުން ނިންމައިފިއެވެ. 

ޔުނިވަރސަލް ފައުންޑޭޝަނުން ވަނީ ޓައިނީ ހާޓްސް އާއިއެކު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޔުނިވަރސަލް ފައުންޑޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެފައުންޑޭޝަނުގެ ރައީސް އިޔާޒް ވަޙީދުއެވެ. ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަޕަރސަން ފިއުނާޒް ވަޙީދުއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ޗެއަޕަރސަން ފިއުނާޒް ވަޙީދު ވިދާޅުވީ، ޔުނިވަރސަލް ފައުންޑޭޝަނާއިއެކު މިއަދު ވި އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޓައިނީ ހާޓްސްއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި އެހީގެ ޚަރަކާތްތަކަށް ޔުނިވަރސަލް ފައުންޑޭޝަނުގެ އެހީތެރިކަން ލިބިގެންދާނޭކަމަށެވެ.

ޓައިނީ ހާޓްސްއިން ވަނީ އަންނަ މާޗްމަހުގެ ނަވާރަވަނަ ދުވަހު، ކެއާރ ފޮ ޓައިނީ ހާޓްސް ނަމުގައި މެޑިކަލް ކޭމްޕެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މާޗްމަހުގެ އެކާވީސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މެޑިކަލް ކޭމްޕްގައި އުފެދުމުގައި ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާކަމަށް ފިއުނާޒް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14881173002160.jpg|ޓައިނީ ހާޓްސްއާއި ޔުނިިވަރސާލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި ކޭމްޕްގައި މިހާރު އެޖަމިއްޔާގައި ރަޖިސްޓަރީވެފައިވާ ކުދިންގެ އިތުރުން މިހާރު ރަޖިސްޓަރީކުރަމުންދާ ކުދިންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާކަމަށް ފިއުނާޒް ވިދާޅުވިއެވެ.

ޔުނިވާސަލް ފައުންޑޭޝަނުގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ގުޅިގެން ބޭނުންޖެހިފައިވާ ފަރާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ދިނުމަކީ ޔުނިވަރސަލްއިން ވަރަށް ޚާއްޞަ އިސްކަމެއްދޭކަމެއްކަމަށެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ޗެރިޓީތަކަށް އެހީވުމުގެ ޕްރޮގްރާމްތައް އެ ފައުންޑޭޝަނުން ކުރިއަށްގެންދާކަމަށް އިޔާޒް ވިދާޅުވިއެވެ.

ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަކީ އުފެދުމުގައި ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިވުމާ، ހިތުގެ ބަލިތަކަށް ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ދެހާސް ނުވަވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެޖަމިއްޔާގައި ރަޖިސްޓްރީވެ، ހަތަރުސަތޭކަ ފަންސާހަށްވުރެ ގިނަ ކުޑަކުދިން ފަރުވާހޯދުމުގެ ކަންކަން ކުރިއަށްގެންދާކަމަށް ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.