ކުޅިވަރު

ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ތިރީސްވަނަ ގޯލާއެކު ބަޔާން ސެމީއަށް


މި ސީޒަންގައި ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ތިރީސްވަނަ ގޯލާއެކު ޝާލްކާގެ މައްޗަށް ކުރި ހޯދާ ޖަރުމަން ކަޕްގެ ސެމީފައިނަލުން ބަޔާން މިޔުނިކް ޖާގަ ހޯދައިފިއެވެ.

ރޭ ބަޔާންގެ ދަނޑުގައި ކުޅުނު ކުއާރޓާފައިނަލް މެޗް އެ ޓީމުން ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. މެޗްގައި ބަޔާންއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަންގައި ބަޔާންއަށް ތިރީސް ގޯލް ކާމިޔާބުކޮށްދިން ރޮބަޓް ލެވަންޑޮސްކީއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ތިއާގޯ އަލްކަންޓާރާއެވެ. މި ތިން ލަނޑުވެސް ބަޔާންއިން ކާމިޔާބުކޮށްފައިވަނީ މެޗްގެ ފުރަތަމަ ހާފްގައިކަން ފާޙަގަކޮށްލެވެއެވެ. މެޗްގައި ޝާލްކާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފްގެ ތިރީސް ދެވަނަ މިނެޓްގައި އެ ޓީމުގެ ބަޑްސްޓަބާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. 

ދޭއް އެކަކުން ހޭމްބާގް ބަލިކޮށް ބޮރޫޝިއާ މޮންޝެންގްލެޚްބާވެސް ވަނީ ސެމީފައިނަލުން ޖާގަހޯދާފައެވެ.