މާލޭ ލީގުގައި ވެލެންސިޔާ ކުޅުނު ފުރަތަމަ މެޗު ގްރީން ސްޓްރީޓާ ވާދަކޮށް 1-1 ން އެއްވަރުވެއްޖެއެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ގްރީން ސްޓްރީޓުންނެވެ. ލިބުނު ޕެނަލްޓީއަކުން މިލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ސުބޯލް އިލިއާއެވެ. ގްރީން ސްޓްރީޓުން ލަނޑެއް ޖެހިތާ މިނިޓެއް ފަހުން ވެލެންސިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕްރިންސް ޗިންޑާއެވެ.
މި މެޗުގައި ގްރީން ސްޓްރީޓްގެ ދެ ފޯވާޑުންކަމަށްވާ އަހުމަދު ރަޝީދު އަދި ސުބޯލް އިލިއާ ގިނަ ހަމަލާތަކެއް ވެލެންސިޔާގެ ގޯލަށް ފޮނުވާލިކަން ފާހަގަކޮށްލެވެއެވެ. ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެލެންސިޔާގެ ގޯލްކީޕަރ މުޙައްމަދު ފައިސަލްއެވެ. މީގެ އިތުރުން ޑިފެންޑަރ ސައިފް ބޮލުން ފޮނުވާލި ބޯޅައެއްވެސް ގޯލްގެ މަތީ ކަނަށް ވަންނަން ދަނިކޮށް ފައިސަލްވަނީ މަތަކޮށްފައެވެ.
މެޗުގައި ވެލެންސިޔާގެ ފޯވާޑް އޮމަދޫ ގޮޑްފްރޭ ވެސްޓަށްވެސް ހުސް ފުރުސަތުތަކެއް ލިބުނެވެ. ފުރަތަމަ ހާފްގެ ކުރީކޮޅު ފޮނުވާލި ހަމަލާ ކީޕަރު ޖުން ކޯޗީ ދިފާއުކުރިއިރު، ދެވަނަ ހާފްގައި ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުންވެސް އޭނާއަށް ނުހިފުނެވެ.
މެޗަށްފަހު ވެލެންސިޔާގެ ކޯޗް އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ވެލެންސިޔާގެ ހުރިހާ ޑިޕާޓްމެންޓެއްގެ ކުޅުން މެޗުގައި ވަރަށް ދަށްކަމަށާއި، ދަށް ދުވަހެއްގައި މެޗުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހިއްޖެކަމަށެވެ. މެޗުގައި ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވުނީ ކީއްވެގެންތޯ ބަލައި ކުރިއަށް އޮތް މެޗުގައި އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރާނެކަމަށް ފެސްކޯ ބުންޏެވެ.
"މެޗުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ދަށްކޮށް މިދިޔައީ، އެންމެ ބޭނުންވި ގޮތެއް ނޫން، އެކަމަކު މިއަދު ކަންތައްވީ ގޮތް، ދަށްވީ ސަބަބު ބަލައި ހައްލު ހޯދުން ދެން އޮތީ، ދަށް ދުވަހެއްގައި ލިބުނު ޕޮއިންޓާއި މެދު ހިތްހަމަޖެހޭ" ފެސްކޯ ބުންޏެވެ
މެޗުގައި މޮޅު ކުޅުމެއް ދެއްކި ކްލަބް ގްރީން ސްޓްރީޓްގެ ކޯޗް ސަބާހް މުޙައްމަދު ބުނީ ހިތްހަމަޖެހޭ ވަރަށް ކުޅުންތެރިން ކުޅުނުކަމަށާއި، މެޗުން މޮޅު ނުވެވުނީ ވެލެންސިޔާގެ ކީޕަރުގެ މޮޅުކަމުންކަމަށެވެ. ފުރަތަމަ ޑިވިޝަންގައި ކުޅުނު ދެ މެޗުންވެސް ބަލިނުވެ ނިންމާލެވުމުން ހިތްހަމަޖެހިފައި ހުރިކަމަށްވެސް ސަބާހު ބުންޏެވެ.
"ކުޅުން ވަރަށް ރަނގަޅު، މެޗް ބެލި އެންމެނަށްވެސް އިނގޭނެ އަޅުގަނޑުމެން ދެއްކި ކުޅުން، ފައިސަލްގެ ރަނގަޅު ދުވަކާއި ދިމާމިވީ، އެހެންވެ މޮޅު ނުވެވުނީ، ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްވަރު ކުރި. ފުރަތަމަ ދެ މެޗުން ބަލިނުވެ ކުރިއަށް އޮތް މާޒިޔާ މެޗަށް ދާއިރު ކުޅުންތެރިންގެ ކޮންފިޑެންސް ލެވެލް ރަނގަޅުވެފައި މިހިރީ" ސަބާހް ބުންޏެވެ.