އެންމެން ހައިރާން ކޮށްލުމަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ. މިއީ ޗެމްޕިއަންސް ލީގު ތާރީޚުގައި ހަތަރު ލަނޑުގެ ތަފާތުން ނޮކައުޓް ސްޓޭޖުގައި ޓީމެއް ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރާ ނަތީޖާ ބަދަލު ކުރި ފުރަތަމަ މެޗެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގައި މިދެޓީމް ޕީއެސްޖީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 4 ލަނޑު ސުންލަނޑުން ކާމިޔާބުކުރި ޕީއެސްޖީއެވެ. ރޭ ބާސެލޯނާގެ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗް ބާސެލޯނާ ކާމިޔާބުކުރީ 6 ލަނޑު އެއް ލަނޑުންނެވެ. އެހެން ކަމުން ބާސެލޯނާއަށް ކުއަޓަރ ފައިނަލްގެ ފުރުސަތު ލިބުނީ 5 ލަނޑު 6 ލަނޑުގެ އެގްރިގޭންނެވެ. ރޭގެ ތާރީޙީ މޮޅާއެކު ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ ބުނީ މުޅި މެޗްގައި ކުޅުންތެރިން ކުއާރޓަރ ފައިނަލަށް ދިއުމަށް ބޭނުންވެފައި ތިބި މިންވަރު ފެނުނު ކަމަށާ މެޗްގެ އެންމެ ފަހު ސިކުންތާ ޖެހެންދެން މެޗުން މޮޅުވުމަށް ކުޅުންތެރިން ހުއްޓާނުލައި މަސައްކަތް ކުރި ކަމަށެވެ. އަދި މި ނަތީޖާއަކީ އެކަމުގެ ސަބަބުން ނުކުތް ނަތީޖާއެއް ކަމަށް އެންރިކޭ ބުންޏެވެ.
ޕީއެސްޖީގެ ކޯޗް އުނޭ އެމްރީ ބުނީ ބާސެލޯނާގައި ތިބި ކުޅުންތެރިންނަކީ ނަތީޖާ ނެރޭނެ ވަރުގެ ކުޅުންތެރިން ތިބި ޓީމެއްކަން ކުރިންވެސް އޭނާގެ ކުޅުންތެރިންނަށް ވިސްނައި ދިނިންކަމަށާ ވަރަށް މަސައްކަތް ކޮށްގެން ނޫނީ ކުއާރޓަރ ފައިނަލުން ޖާގަ ނުލިބޭނަކަން ކުޅުންތެރިންނަށް އަންގައިދިނިންކަމަށެވެ. އެހެންނަމަވެސް މެޗް ނިމެން ދިޔައިރު މާ ބޮޑަށް ފަރުވާކުޑަކުރިތަން ފެނިގެން ދިޔަކަމަށް އެމެރީ ބުންޏެވެ. އޭނާ ބުނީ މެޗްގައި ރެފްރީގެ ބައެއް ނިންމުންތަކާމެދު އެންމެ ހިތްހަމަ ނުޖެހޭކަމަށާ އެހެންނަމަވެސް އެވާހަކަ މިހާރު ދެއްކުމެއް ނެތްކަމަށެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެލަނޑު ސުންލަނޑުން ބާސެލޯނާ ކުރިގައި އޮވެގެންނެވެ. ފުރަތަމަ ލަނޑު މެޗުގެ ވަރަށްކުރީކޮޅު ސުއަރޭޒް ކާމިޔާބުކޮށްދިންއިރު ބާސެލޯނާގެ ދެވަނަ ލަނޑަކީ ޕީއެސްޖީގެ ޑިފެންޑަރ ކުރުޒާވާ އަތުން ބައިކޮޅަށް ވަތްލަނޑެކެވެ. މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މެސީ ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ޕީއެސްޖީގެ ހަމައެކަނި ލަނޑު މެޗްގެ ފަސްދޮޅަށް ދެވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަވާނީއެވެ. ޕީއެސްޖީގެ ލަނޑާއެކު ބާސެލޯނާ މެޗް ކާމިޔާބުކުރަން ކުރަން ޖެހޭ މަސައްކަތް ދެގުނަވިއެވެ. ބާސެލޯނާ ކުއަޓަރއަށް އިން ޖާގަ ހޯދީ މެޗްގެ އެންމެ ފަހު ދިހަ މިނެޓްގެ ތެރޭގައި ކާމިޔާބުކުރި ތިންލަނޑުންނެވެ. 88ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ނޭމާ ބާސެލޯނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބާސާގެ ފަސްވަނަ ލަނޑުވެސް ކާމިޔާބުކުރީވެސް ނޭމާއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްމިނިޓްގެ ތެރެއިން އެންމެ ފަހު ވަގުތު ބާސެލޯނާ ކުއަޓަރ ފައިނަލަށް ގެންގިސްދިން މުހިންމު ތާރީޚީ ލަނޑު ކާމިޔާބުކޮށްދިނީ ސާޖީ ރޮބާޓޯއެވެ.
މިއީ ބާސެލޯނާ ކުއަޓަރ ފައިނަލުން ޖެހިޖެހިގެން ޖާގަ ހޯދި 10 ވަނަ ފަހަރެވެ.