ކްލަބް ވެލެންސިޔާއާއި ދެކޮޅަށް ނިކުތީ މޮޅުވާންކަމަށާއި، 3 ލަނޑުގެ ތަފާތަކުން މޮޅުވާނެކަމަށް އުއްމީދުނުކުރާކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗް މުޙައްމަދު ނިޒާމް ބުނެފިއެވެ.
އެސްޓީއޯ މާލޭ ލީގުގައި ވެލެންސިޔާ އަތުން 3-0ން މޮޅުވި މެޗަށްފަހު ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ މި ސީޒަންގައި އެންމެ ރަަނގަޅަށް ކުޅޭ ޓީމްތަކުގެ ތެރޭގައި ވެލެންސިޔާ ހިމެނޭކަމަށް ގިނަ ބަޔަކު ބުނި ކަމަށާއި، މެޗަށް ނިކުތީ މޮޅުވާންކަމަށެވެ. ފުރަތަމަ ހާފްގައިވެސް ވެލެންސިޔާއިން ރަނގަޅަށް ކުޅުނުކަމަށާއި، ތިން ލަނޑުގެ ތަފާތަކުން މޮޅުވާނެކަމަށް އުއްމީދުވެސް ނުކުރާކަމަށެވެ.
ބަންގްލަދޭޝްގެ މުބާރާތް ނިންމާލާފައި އައުމުން ޓީމްގެ ފިޓްނަސް ވަރަށް ރަނގަޅުކަމަށާއި، ހުރިހާ ކުޅުންތެރިންވެސް މެޗުގައި ވަރަށް ބުރަކޮށް މަސައްކަތްކުރިކަމަށްވެސް އޭނާ ބުންޏެވެ. ލިބުނު ގިނަ ފުރުސަތުތަކަށް ބަލާއިރުވެސް ޓީމްގެ ކޮންފިޑެންސް ފެންނަކަމަށާއި، ލީގަށް މިއީ ވަރަށް ރަނގަޅު ފެށުމެއްކަމަށްވެސް އޭނާ ބުންޏެވެ.
"މެޗަށް ނިކުތީ މޮޅަކަށް، އެއްގޮތަކަށްވެސް އުއްމީދެއް ނުކުރަން މިވަރުގެ ނަތީޖާއަކަށް، ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދާފައި އައިސް ފުރަތަމަ މެޗަށް ނިކުތީމަ ހީކުރީ ކުޅުންތެރިން އޯވަރ ކޮންފިޑެންސް ވެދާނެކަމަށް. ހުރިހާ ކުދިންވެސް ވަރަށް ހިތްވަރުކުރި، ވަރަށް ހިތްހަމަޖެހިފައި މިހިރީ" ނިޒާމްބެ ބުންޏެވެ.
img:http://s3.psmnews.mv/images/660x400/14891766408770.JPG|ޓީސީ އަތުން ބަލިވި މެޗަށްފަހު ވެލެންސިޔާގެ ކޯޗް އަހުމަދު މުޖުތަބާ (ފެސްކޯ) / ފޮޓޯ : ޕީއެސްއެމް
މެޗަށްފަހު ވެލެންސިޔާގެ ކޯޗް އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުރިން ޓީމް ކުޅުނު މެޗާއި މި މެޗުގައިވެސް ޓީމްގައި ގިނަ ކަންތައްތަކެއް ގޯސްކޮށްދިޔަކަމަށެވެ. ޓީމްގައި ގޯސްކޮށް އުޅޭކަމެއް ހޯދައި ރަނގަޅުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ވެލެންސިޔާއަށް ވަގުތު ބޭނުންވާކަމަށްވެސް މުޖުތަބާ ފާހަގަކުރިއެވެ.
އެންމެ ފަހުން ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުމަށްވުރެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި، ޓީމުގައި މައްސަލަތަކެއް އެބަހުރިކަމަށް ފެސްކޯ ބުންޏެވެ.
"މިދިޔަ މެޗަށްވުރެ ޓީމްގެ ކުޅުން ރަނގަޅު، ނަތީޖާއާއި މެދު އެއް ގޮތަކަށްވެސް ހިތްހަމަ ނުޖެހޭ، ޓީމްގައި މައްސަލަތަކެއް އެބަހުރި، އެކަންތައްތައް ހޯދައި އެކަމަށް މަސައްކަތްކުރަމުން މިދަނީ، ޕްރެކްޓިސްގައި ޓީމުން ދައްކާ ކުޅުމަށްވުރެ، މާ ބޮޑަށްވެސް ދަށް ކުޅުމެއް މިރޭގެ މެޗުގައިވެސް މިފެނުނީ" ފެސްކޯ ބުންޏެވެ.