ކުޅިވަރު

ކިރްގިސްތާނު މެޗަށް ދިވެހި ޓީމު އޮތީ ތައްޔާރަށް - ކާއްޓޭ


ކިރްގިސްތާނަކީ ވަރުގަދަ ޓީމެއް ނަމަވެސް އެ ޓީމާ ދެކޮޅަށް ކުޅެން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗް މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފިއެވެ.

މާދަމާ ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިޔަން ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ކިރިގިސްތާނާ ދެކޮޅަށް ނުކުތުމުގެ ކުރިން މިއަދު އޮތް އެންމެ ފަހުގެ ފަރިތަކުރުންތަކަށްފަހު އެސިސްޓެންޓް ކޯޗް މުހައްމަދު ސާޖިދު ބުނީ ކިރިގިސްތާނަކީ އިސްކޮޅުންދިގު އަވަސް ކުޅުމެއް ކުޅޭ ޓީމެއް ކަމަށާ އެހެންނަމަވެސް އެ ޓީމާ ދެކޮޅަށް ކުޅެންޖެހޭގޮތް ދިވެހި ޓީމަށް އެނގޭކަމަށެވެ. އަދި މީގެ ކުރިންވެސް އެ ޓީމާ ދެކޮޅަށް ކުޅެ ބަލިކޮށްފައިވާނެކަމަށާ އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު މޫސުމުގެ ފައިދާ ނަގައިގެން މެޗުން މޮޅުވެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ސާޖިދު ބުންޏެވެ. 

"ކިރްގިސްތާނު ޓީމަކީ އިސްކޮޅު ދިގު އަވަސް ކުޅުމެއް ކުޅޭ ޓީމެއް. އެހެންނަމަވެސް ދިވެހި ޓީމު މީގެ ކުރިންވެސް އެ ޓީމު ބަލިކުރިން. އެހެންވީމާ މިހާރުވެސް އެ ޓީމު ބަލިކުރަންވާގޮތް ދިވެހި ޓީމަށް އިނގޭ. އަމިއްލަ ފަސްގަނޑުގައި ބަލިކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް." ސާޖިދު ބުންޏެވެ.

ކިރްގިސްތާނު ޓީމުގެ ކެޕްޓަން ކިލިޗް ސަރުބަގިޝިއެވް ބުނީ ރާއްޖެއަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާ އެހެންނަމަވެސް މުބާރާތުގެ ފުރަތަމަ މެޗްގައި އެ ޓީމާ ދެކޮޅަށް ކުޅެން ކިރްގިސްތާނު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށެވެ. އޭނާވެސް ވަނީ މޫސުމުގެ މައްސަލަ އެ ޓީމަށް ކޮންމެވެސް ވަރަކަށް ދިމާވާނެކަން ފާޙަގަކޮށްފައެވެ. ކިލިޗް ބުނީ ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު އެ ޓީމަށް އެކަމުގެ ފައިދާ ލިބޭނެކަމަށާ ރާއްޖޭގެ ވޮލީ އަންނަނީ ހީނުކުރާހާ ބާރުމިނުގައި ކުރިއަރަމުން ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ޗެލެންޖިންގ މެޗަކަށް ވާނެކަން ކިލިޗް ފާޙަގަކުރިއެވެ. 

"ދިވެހި ޓީމަށް އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު އެކަމުގެ ފައިދާ ލިބިގެންދާނެ. އެހެންނަމަވެސް އެ ޓީމާ ދެކޮޅަށް މިހާރު ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ޓީމަށް ދިމާވާނެ އެންމެ ބޮޑު މައްސަލަޔަކީ މޫސުމުގެ މައްސަލަ. މިއީ ވަރަށް ވާދަވެރި މެޗަކަށް ވާނެކަމަށް ގަބޫލުކުރެވެނީ. "ކިލިޗް ބުންޏެވެ. 

މާދަމާ ހަވީރު ރާއްޖޭގައި ފަށާ އޭޝިޔަން ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ހިމެނެނީ ދިވެހިރާއްޖެއާ ކިރްގިސްތާނާ، ތުރުކުމިނިސްތާނާ ނޭޕާލްއެވެ.