ކުޅިވަރު

ޕޯޗްގަލްގެ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއަކަށްވެސް ރޮނާލްޑޯ


ޕޯޗްގަލްގެ އެފްއޭއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ.

ޕޯޗްގަލް ފުޓްބޯޅަ ފެޑަރޭޝަނުން ރޭ ކުރިއަށް ގެންދިޔަ މި ހަފްލާގައި ރޮނާލްޑޯއާއެކު އެ މަޤާމަށް ދެން ވާދަކޮށްފައިވަނީ އޭނާޔާއެކު ރިއަލް މެޑްރިޑަށް ކުޅެމުން އަންނަ ޑިފެންޑަރ ޕެޕޭއާ، ސްޕޯޓިންގެ ރުއި ޕެޓްރީސިއޯއެވެ. މިއީ ރޮނާލްޑޯ ޕޯޗްގަލްގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ދެވަނަ ފަހަރުކަން ފާޙަގަކޮށްލެވެއެވެ. 

ރޭގެ ހަފްލާގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މި ކާމިޔާބީއަކީ ޓީމުގެ ކުޅުންތެރިންނާ ޕޯޗްގަލް ފުޓްބޯޅަ ފެޑަރޭޝަނުންނާ އަދި ޕޯޗްގަލްގެ ހުރިހާ ސްޕޯޓަރުންގެ ހިތްވަރުން ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި ލިބިގެންދިޔައީ ހަމަ ޔަގީނުންވެސް މި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާ އެކުކަމަށް ރޮނާލްޑޯ ބުންޏެވެ. 

ރިއަލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ ވަނީ އެންމެ ފަހުގެ ފީފާ ބެލޮންޑޯ އެވޯޑާ އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ލިބިގެންދިޔައީ 2016ވަނަ އަހަރު ޕޯޗްގަލްއާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ކޯޗް ފެނާންދޯ ސަންތޯސް އަށެވެ