މެސީގެ ސަސްޕެންޝަން އެޕީލް ކުރާނެކަމަށް އާރޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.
އާރޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވީ މެސީއަށް އައިސްފައި ސަސްޕެންޝަންގެ މައްސަލައަކީ އެ އެސޯސިއޭޝަނުން ވަރަށް ކަންބޮޑުވާ އަދި އެހާމަ ބޭއިންސާފުން އައިސްފައިވާ ސަސްޕެޝަނެއްކަމަށް ޤަބޫލްކުރާ ކަމަށެވެ. މެސީގެ ސަސްޕެންޝަން ކުޑަކުރެވޭތޯ ނުވަތަ އެ ސަސްޕެންޝަން އުވާލެވޭތޯ ފީފާއަށް މައްސަލަ ހުށަހަޅަން މިހާރު ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޓަޕިއާ ބުނީ މެސީގެ ސަސްޕެންޝަނާ ގުޅިގެން ޓީމަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށެވެ. ހާއްސަކޮށް އެންމެ ފަހުން ކޮލިފައިންގައި ކުޅެން އޮތް މެޗް ފެށެން ކުޑަތަންވެފައި އޮއްވާ ސަސްޕެންޑް ކުރުމަކީ މި މައްސަލައާމެދު އިތުރަށް ވިސްނަން ޖެހުނު ސަބަބެއްކަމަށް ޓަޕިއާ ވިދާޅުވިއެވެ.
ފީފާއިން މެސީއަށް ހަތަރު މެޗްގެ ސަސްޕެންޝަނެއް ދީފައި މި ވަނީ ވާލްޑް ކަޕް ކޮލިފައިންގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗްގައި، މެޗްގެ އެސިސްޓެންޓް ރެފްރީއާ ދިމާލަށް ބޭ އަދަބީ ބަހުން މުހާތަބުކުރި ކަމަށް ބުނެއެވެ.
މެސީ ކުޅެމުން އަންނަ ބާސެލޯނާއިންވެސް ވަނީ މެސީއަށް އައި ސަސްޕެންޝަނާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސްޓޭޓްމެންޓެއް ނެރެފައެވެ. ބާސެލޯނާގެ ސްޓޭޓްމެންޓްގައި ބުނީ މެސީއަށް އަދި 4 މެޗުގެ ސަސްޕެންޝަނަކީ ބޭއިންސާފުން ދީފައިވާ ސަސްޕެންޝަނެއް ކަމަށެވެ.
މެސީއަށް އައި ހަތަރު މެޗުގެ ސަސްޕެންޝަނާއެކު އާޖެންޓީނާ ކޮލިފައިންގައި ކުރިއަށް ކުޅެން ޖެހޭ ހަތަރު މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.