ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ނިންމައިފި


ކުރިން ބަންގްލަދޭޝްގައި ބާއްވަން ހަމަޖައްސާފައި އޮތް ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތް މިހާރު ރާއްޖޭގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ސައުތު އޭޝިޔަން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މިއަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖައްސާ މިހާރު ވަނީ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ގައުމުތަކަށް އެ ފުރުޞަތު މިއަދު ހުޅުވާލައިފައެވެ.

 ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވީ ސާބާއިން ރާއްޖޭގައި މި މުބާރާތް ބޭއްވުމުގެ ފުރުޞަތު ދީފައިވުމުން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އެކަމަށް އާބަސްބުނެފައިވާނެކަމަށެވެ. އަދި މުބާރާތް އަންނަ މޭމަހުގެ 19 ވަނަ ދުވަހު ފަށާގޮތަށް މިހާރު ހަމަޖައްސާފައިވާއިރު މުބާރާތް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިއަދުން ފެށިގެން ފަށާފައިވާކަމަށް ވިޝާމް ވިދާޅުވިއެވެ. 

"މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު އޮތްކަން މެއިލްއަކުން ސާބާއިން ވަނީ އަންގާފައި. އަދި އެ މެއިލް ލިބުމުން މުބާރާތް ބާއްވަން ބޭނުންވާކަން އެ ފަރާތްތަކަށް ވާނީ ހަމަ އެދުވަހު އަންގާފައި. މިހާރު މުބާރާތް ބާއްވާނެ ދުވަހާ އަންގަންޖެހޭ ފަރާތްތަކަށް ސާބާއިން ވަނީ އަންގާ ހުރިހާ ކަމެއް ނިންމާފައި. މިހާރު އެސޯސިއޭޝަނުން މި އަންނަނީ މުބާރާތް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން. "ވިޝާމް ރަޝީދު ވިދާޅުވިއެވެ. 

ހަތަރުވަނަ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ލިބިފައިވާއިރު މިއީ ރާއްޖޭގައި ބޭއްވޭނެ ބާސްކެޓްގެ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ފުރަތަމަ ބާސްކެޓް މުބާރާތްކަން ފާޙަގަކޮށްލެވެއެވެ. 

މި މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ އިންޑިޔާއިންނެވެ. ދެވަނަ ހޯދީ ރާއްޖެއެވެ.