އޭޝިޔަން ބީޗް ވޮލީބޯޅަ ޓުއަރގައި ވާދަކުރަން ދިވެހި ރާއްޖޭގެ ބީޗް ވޮލީ ބޯޅަ ޓީމު ތައިލެންޑަށް ފުރައިފިއެވެ.
މިއަދު މެންދުރު ތައިލެންޑަށް ފުރި ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިންނާއި ޓީމުގެ ޓްރެއިނަރެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ތައިލެންޑްގެ ދެ ސަރަހައްދެއްގައި ކުރިއަށްދާ މުބާރާތެކެވެ. އެގޮތުން މިފަހަރުގެ މުބާރާތް ކުރިއަށްދަނީ ތައިލެންޑްގެ ސަޓުންއާ، ސޮންގްލާރ ގައެވެ.
އޭޝިޔާގެ ޤައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިފަހަރު ރާއްޖެއިން ދިޔަ ދެ ޕެއަރގައި ހިމެނެނީ އަހުމަދު އަނިލް ނަސީރު އަދި އަދުނާން އަބުދުލް ހަމީދުގެ ޕެއަރއާއި، ޝިއުނާޒް އަބުދުލް ވާޙިދު އަދި އާދަމް ނަސީމްގެ ޕެއަރއެވެ. ޓީމާއެކު ދެން ދިޔައީ ޓްރެއިނަރ އަބުދުﷲ ނަޝީދުއެވެ. މުބާރާތައް ފުރުމުގެ ކުރިން ދިވެހި ޓީމުގެ ކެޕްޓަން ޝިއުނާޒް އަބުދުލް ވާޙިދު ބުނީ މި މުބާރާތަކީ އޭޝިޔާގެ ޤައުމުތަކަށް ހުޅުވާލައިގެން ބޭއްވޭ ވަރަށް ވަރުގަދަ މުބާރާތެއް ކަމަށާއި، އުއްމީދަކީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުން ކަމަށެވެ.
ބީޗް ވޮލީ ޓީމާއެކު މިފަހަރު ދިވެހި ރެފްރީއެއް ދަތުރުގައި ބައިވެރިއެއްނުވެއެވެ. ވޮލީބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި ބީޗް ވޮލީ މުބާރާތްތަކުގައި ރެފްރީއަކަށް ފުރުޞަތު ލިބެނީ އެސޯސިއޭޝަނުން އެދުމުންނެވެ. ނަމަވެސް މިފަހަރު އެކަމަށް އެސޯސިއޭޝަނުން އެދިފައެއްނުވެއެވެ. ބީޗް ވޮލީ ރެފްރީއަކަށް މިވަގުތު ރާއްޖޭގައި ހުރީ ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސެއިން މުޙައްމަދެވެ. އޭޝިޔަން ބީޗް ވޮލީބޯޅަ މުބާރާތް ކުރިއަށްދާނީ މި އޭޕްރީލް މަހުގެ 6 ން 18 ގެ ނިޔަލަށެވެ.