ކުޅިވަރު

މައިލޯ ކިޑްސް ފިއެސްޓާ މާދަމާ ނ.އަތޮޅުގައި ފަށާނެ


ނ.އަތޮޅުގެ 10 ރަށެއްގެ ސްކޫލުތަކުން ވާދަކުރާ މައިލޯ ކިޑްސް ފިއެސްޓާ މާދަމާ މަނަދޫގައި ފަށާނެއެވެ. 

ސޮކައރ ވެޓަރެންސް އެސޯސިއޭޝަނުން ކުރިއަށް ގެންދާ ކިޑްސް ފިއެސްޓާ މުޅިން އަލަށް ނ.އަތޮޅުގައި ފަށާއިރު އަތޮޅުގެ 13 ރަށުގެ ތެރެއިން 10 ރަށެއްގެ ސްކޫލްތަކުން ވާދަކުރާނެއެވެ. ގްރޭޑް އެކެއް އަދި ދޭއްގެ ކެޓަގަރީގައި 9 ސްކޫލް ވާދަކުރާއިރު، ޕްރީ ސްކޫލް ކެޓަގަރީގައި 10 ސްކޫލް ވާދަކުރެއެވެ. 

ޕްރީ ސްކޫލް ބައިގަ ވާދަކުރަނީ ގްރޫޕް އެކެއްގައި ހިމެނޭ ހޮޅުދޫ މޭނާ ސްކޫލް، މާފަރު ސްކޫލް، ލަންދޫ ސްކޫލް، ޅޮހި ސްކޫލެވެ. ގްރޫޕް ދޭއްގައި ހިމެނޭ ނ.އަތޮޅު މަދަރުސާއާއި، ކުޑަފަރި ސްކޫލާއި، މަގޫދޫ ސްކޫލެވެ. ދެން ވާދަކުރަނީ ގްރޫޕް ތިނެއްގައި ހިމެނޭ ހިދާޔާ ސްކޫލް، ކެނދިކުޅުދޫ ސްކޫލް، އަދި ފޮއްދޫ ސްކޫލެވެ. މިސްކޫލްތަކުގެ ތެރެއިން ގްރޭޑް އެކެއް އަދި ދޭއްގެ ކެޓަގަރީގައި ވާދަ ނުކުރަނީ މަގޫދޫ ސްކޫލެވެ. 

މިމުބާރާތުގައި 108 މެޗު ކުޅޭނެއެވެ. އެކި ޓީމްތަކުގައި 342 ދަރިވަރުން ވާދަކުރާނެއެވެ. ކިޑްސް ފިއެސްޓާގެ މާލޭ ސްކޫލްތަކުގެ މުބާރާތް މިހާރު ވަނީ ނިމިފައެވެ. އައްޑޫ ސިޓީއާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅުގައިވެސް މިފިއެސްޓާ ކުރިއަށްގެންދާނެއެވެ.