ކުޅިވަރު

ޓެނިސް ޗެމްޕިއަންޝިޕްގެ މެއިން ސްޕޮންސަރަކަށް މޯލްޑިވިއަން


ޓެނިސް ޗެމްޕިއަންޝިޕްގެ އެކްސްލޫސިވް ސްޕޮންސަރަކަށް މޯލްޑިވިއަން ހަމަޖައްސައި މިރޭ  މުބާރާތް ފަށައިފިއެވެ.

މި ސްޕޮންސަރ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު މި މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވިއަން ޙަރަކާތްތެރިވާނެއެވެ.

މިރޭ ފެށި ޓެނިސް ޗެމްޕިއަންޝިޕްގެ ސްޕޮންސަރ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް ހާރިސްއެވެ. ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރުއެވެ. 

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް ހާރިޝް ވިދާޅުވީ ޓެނިސް ކުރިއަރަމުން އަންނަވަރު މިތަނުން ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެކަމަށާ މި ކުޅިވަރަށް އެތީރިވުމަށް އައިލެންޑް އޭވިއޭޝަނުން ނިންމީވެސް މި ކުޅިވަރު ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށެވެ.

" އަޅުގަނޑުމެން އެއްބާރުލުން ދޭނަން ހުރިހާ ގޮތަކުން ޓެނިސް ކުރިއެރުވުމަށް. ޓެނިސް ކުޅޭ ސަރަހައްދަށް ބަލާލުމުން އެބަ އިނގޭ ޓެނިސް ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރައްވާ މަސައްކަތްތަ. ޚާއްސަކޮށް މިކުޅިވަރުގައި ތުއްތު ކުދިން ހަރަކާތްތެރިވުމަކީ މިކުޅިވަރުގެ މުސްތަޤްބަލު ފެންނަ އެއް ހެކި" ހާރިސް ވިދާޅުވިއެވެ. 

އާންމުކޮށް ހުޅުވާލައިގެން ޤައުމީ ފެންވަރުގައި ބާއްވަމުން އަންނަ މި މުބާރާތުގައި މިފަހަރު 68 ފިރިހެން ކުޅުންތެރިންނާ 68 އަންހެން ކުޅުންތެރިން 10 ކެޓަގަރީ އެއްގައި ވާދަކުރެއެވެ. މި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށެވެ.