ކުޅިވަރު

އިތުރު ދައުރަކަށް މަރޭ އޮލިމްޕިކް ކޮމެޓީއަށް ކުރިމަތި ލައްވަނީ


މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއިރު, ތިންވަނަ ދައުރަކަށް ކުރިމަތިލައްވަން އަހުމަދު މަރުޒޫޤް ނިންމަވައިފިއެވެ.

މިހާރުވެސް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީގެ މަޤާމް އަދާކުރައްވަމުން ގެންދަވާ މަރުޒޫޤް ވިދާޅުވީ މިދިޔަ ދެ ދައުރުގައިވެސް އޮލިމްޕިކް ކޮމެޓީއަށް ކުރިމަތިލެއްވީ ދިހަ މެންބަރުންގެ ޓީމަކާއެކު ކަމަށާއި، މިފަހަރުވެސް ކުރިއަށްދާން ނިންމާފައިވާނީ އެ ޓީމާއެކު ކަމަށެވެ. މަރުޒޫޤު ވިދާޅުވީ އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމެވީ ކުޅިވަރުގައި އަބަދުވެސް ލަފާ ހޯއްދަވާ ފަސް ފަރާތަކާ މަޝްވަރާ ކުރެއްވުމަށްފަހު، އެ ފަސް ފަރާތުން އެގޮތަށް އެދުމުންކަމަށެވެ. 

މަރުޒޫޤު ވިދާޅުވީ އަބަދުވެސް ކަންކަމުގައި ވަޝްވަރާ ހޯއްދަވަމުންގެންދަވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއިލްއާއި، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުއާއި، ޓެނިހުގެ އިސް ބޭފުޅެއް ކަމަށްވާ ކެޕްޓަން މުހައްމަދު އަމީންއާއި، ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ރައީސް ސީވީޑް ލަތީފް އަދި އޮލިމްޕިކް ކޮމެޓީގެ ނައިބް ރައީސް މުހައްމަދު އަބުދުއް ސައްތާރުގެ ކިބައިންކަމަށެވެ. މީގެ އިތުރުން އެހެން ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވާފައިވާނެކަމަށް މަރުޒޫޤު ވިދާޅުވިއެވެ.

 "ކުޅިވަރުގެ ކަންކަމުގައި އަޅުގަނޑު އަބަދުވެސް މަޝްވަރާ ކުރާ ފަރާތްތަކެއް އޮންނާނެ، އެ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އަޅުގަނޑު ކަންކަން ނިންމަނީ، އެގޮތުން މިފަހަރުވެސް އިތުރު ދައުރަކަށް ކުރިމަތިލާން ނިންމީ އެ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު." މަރުޒޫޤް ވިދާޅުވި. 

އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ މަޤާމާ 2009 ވަނަ އަހަރު ހަވާލުވެ މިވީ މުއްދަތުގެ ތެރޭގައި މަރުޒޫޤް ވަނީ އެ ކޮމެޓީ ހިންގެވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. މީގެ އިތުރުން އެތްލީޓުން ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިމަހުގެ 13 ވަނަ ދުވަހު ހުޅުވާލި އޮލިމްޕިކް ކޮމެޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.