ކުޅިވަރު

ފާއި ފަޒީލްއާއި މަލީލާ ޞޯލިހު ޓެނިސް މުބާރާތް ކާމިޔާބުކޮށްފި


އެއްވަނަ އައި.އޭ.އެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަބުދުﷲ ފާއި ފަޒީލް އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު މަލީލާ ސޯލިޙް ހޯދައިފިއެވެ.

ނެޝަނަލް ޓެނިސް ސެންޓަރުގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލި ފުރަތަމަ އައި.އޭ.އެސް ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަބުދުﷲ ފާއި ފަޒީލް ހޯދީ ފައިނަލްގައި އަލީ ފާރިޝް މުހައްމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމްގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާ ޓެނިސް އެސޯސިއޭޝަންގެ އިސްވެރިންނެވެ. 

މި މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދާއިން މުހައްމަދު އަމީންއެވެ. 12 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ރައުދަކް މައުމޫންއެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ތާރާ ނައީމްއެވެ. 10 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަނީފް އާދަމްއާއި، މުހައްމަދު މުއައްލަމް އަހުމަދު ޕެއަރއެވެ. އަންހެން އޯޕަން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު މަލީލާ ސޯލިޙްއާއި އަޔާނީ މޫސާ ކަލީމްގެ ޕެއަރއެވެ. 45 އަހަރުން މަތީގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހަސަން ޝާމްއެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަބުދުﷲ ފާއި ފަޒީލްއާއި އަޔާނީ މޫސާ ކަލީމްގެ ޕެއަރއެވެ.

img:http://s1.psmnews.mv/images/660x400/14924916074442.jpg|އެކިއުމުރުފުރާތަކުގެ ޗެމްޕިއަނުން: ފޮޓޯ-ޕީއެސްއެމް

 މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަންގެ ވެބްސައިޓާއި ފޭސްބުކް ޕޭޖްގެ އިތުރުން ޓްވިޓަރ އެކައުންޓް އެކްޓިވޭޓް ކޮށްފައެވެ. އަދި ރީޖަނަލް ކޮލިފައިންގައި ވާދަކުރާ ބާރަ އަހަރުން ދަށުގެ ޤައުމީ ޓީމް އިޢްލާން ކޮށް އެ ކުޅުންތެރިންނާ ޖާޒީވެސް ވަނީ ހަވާލުކޮށްފައެވެ. މި މުބާރާތުގައި ޖުމްލަ 68 އަންހެން ކުޅުންތެރިންނާއި، 68 ފިރިހެން ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި ޤައުމީ ޓެނިސް ޓީމްގެ ކުޅުންތެރިންނަށްވެސް ސަރުކާރުން މުސާރަދެއްވާކަން ފާހަގަކުރެއްވިއެވެ.

ޓެނިހަކީ އެންމެ ރަނގަޅު ވަޞީލަތްތަކާއެކު ރާއްޖޭގައި ކުޅެމުން އަންނަ ކުޅިވަރެވެ. ރަނގަޅު ފެންވަރުގެ ތިން ޓެނިސް ކޯޓް ރާއްޖޭގައި އެބައޮތެވެ. އެފެންވަރުގެ އިތުރު އެއް ކޯޓް އަޅައިފިނަމަ އިންޓަރނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެއެވެ.