6-3 ލަނޑުގެ އެގްރިގޭޓުން ބޮރޫޝިޔާ ޑޯޓްމުންޑްގެ މައްޗަށް ކުރި ހޯދާ، 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން މޮނާކޯ ޖާގަ ހޯދައިފިއެވެ.
ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 3-2 ލަނޑު މޮނާކޯ ވަނީ ކުރި ހޯދާފައެވެ. ރޭ މޮނާކޯގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗް އެ ޓީމުން ކާމިޔާކުރީ 3-1 ލަނޑުންނެވެ.
މެޗަށްފަހު މޮނާކޯގެ ކޯޗް ލިއަނާޑޯ ޖާޑިމް ބުނީ އޭނާގެ ޓީމު އަނެއްކާވެސް ތާރީޙުގެ ތެރެއަށް ވަދެގެން މި ދިޔައީ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށާ މިއީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ސެމީފައިނަލްގައި ވާދަކުރާ ހަތަރު ޓީމަކީވެސް ވަރުގަދަ ހަތަރު ޓީމު ކަމަށާ އެހެންނަމަވެސް މި ހަތަރު ޓީމުގެ ތެރެއިން ފޭވަރިޓުންގެ ގޮތުގައި އޭނާގެ ޓީމު ގުނާނީ ހަތަރުވަނައަށް ކަމަށް ޖާޑިމް ބުންޏެވެ.
ޑޯޓްމުންޑްގެ ކޯޗް ތޯމަސް ޓުޝެލް ބުނީ ޓީމަށް ދަނޑަށް އާދެވުނީ އަންނަން ޖެހޭ ވަރަށްވުރެ އަށާރަވަރަކަށް މިނެޓް ފަހުން ކަމަށާ ސެކިރިޓީ ސަބަބަކާ ހުރެ ފުލުހުން ބަސް ޗެކް ކުރި ކަމަށެވެ. އަދި މީގެ އަށް ދުވަސް ކުރިން އަމިއްލަ ގައުމުގެ މެޗް ކުޅުނުއިރު ދިމާވި ބޮން ގޮވުމުގެ ހާދިސާއާ ގުޅިގެންނާއި ރޭގެ ހާދިސާގެ ސަބަބުން ކުޅުންތެރިންނަށް އެކަމުން ވަރަށް ބޮޑަށް އަސަރުތަކެއް ކޮށްފައިވާކަމަށް ޓުޝެލް ބުންޏެވެ.
ރޭގެ މެޗްގައި މޮނާކޯގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އެމްބައްޕޭއާ ފަލްކާއޯގެ އިތުރުން ޖާރމެއިންއެވެ. ޑޯޓްމުންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ރޫސްއެވެ.