ކުޅިވަރު

ގްރީން ސްޓްރީޓް އަތުން ބަލިވިއަސް ގެއަށް ދާނީ އުފަލުން - ސާންތި


ގްރީން ސްޓްރީޓް އަތުން ބަލިވި ނަމަވެސް މެޗުން ފައިބައިގެން ދާނީ އުފަލުން ކަމަށް އީގަލްސް ކޯޗް އިހުސާން އަބުދުލް ޣަނީ (ސާންތި) ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސާންތި ބުނީ މި މެޗަކީ އީގަލްސްއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، މެޗުން ތިން ޕޮއިންޓް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށެވެ. އެހެންނަމަވެސް މެޗުން ބަލިވެގެން ފައިބައިގެން ދާން ޖެހުމަކީ އޭނާ އެއްވެސް ވަރަކަށް އެކަމާ ދެރަވާނެކަމެއް ނޫންކަމަށް ސާންތި ބުންޏެވެ. ސަބަބެއް ކަމަށް ސާންތި ބުނީ ގްރީން ސްޓްރީޓްގެ ކޯޗު ސޮބާޙު އަކީ އޭނާގެ ދަރިވަރެއް ކަމަށާއި، ސޮބާއަށް ލިބޭ ކޮންމެ އުފަލަކީ އޭނާއަށްވެސް ލިބޭ އުފަލެއް ކަމަށެވެ. ސާންތި ބުނީ ލީގުގައި ވާދަކުރާ ހުރިހާ ޓީމެއްވެސް ވަރަށް ހަމަހަމަ ކަމަށާއި، އެހެންކަމުން އެއްވެސް ޓީމަކާ ދެކޮޅަށް ފަސޭޙަކޮށްލައިގެން މެޗަށް ނުނިކުންނާނެކަމަށެވެ. 

" އަޅުގަނޑު ކޯޗިންގައި ފަންސަވީސް އަހަރު ހޭދަކޮށްފިން، ސޮބާމެން ސްކޫލް ދައުރުގައި އުޅުނުއިރު އަޅުގަނޑު ވާނީ އެމީހުނާއެކު މަސައްކަތް ކޮށް ކާމިޔާބު ހޯދާފަ، އަދި ފަހުންވެސް އަޅުގަނޑަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ކުޅުންތެރިއެއްގެ ގޮތުގައި ސޮބާ ވަނީ މަސައްކަތް ކޮށްފަ، އެހެންކަމުން މި މެޗުން ބަލިވިކަމުގައި ވިޔަސް ސޮބާއަށް ލިބޭ ކާމިޔާބީއަކީ އަޅުގަނޑަށްވެސް ލިބޭ ކާމިޔާބީއެއް." ސާންތި ބުންޏެވެ.

ގްރީން ސްޓްރީޓްގެ ކޯޗް ސޮބާޙު މުހައްމަދު (ސޮބާ) ބުނީ މިހާ ހިސާބަށް އޭނާއަށް އާދެވުމުގައި ސާންތި ކޯޗުގެ ވަރަށް ބޮޑު ދައުރެއް އޮންނާނެކަމަށާއި، އެހެންކަމުން މިއީ އޭނާއަށް ވަރަށް ހާއްސަ މެޗެއް ކަމަށެވެ. އަދި އީގަލްސް މިހާރު އޮތް ޓީމު ގޮވައިގެން ސާންތި އުޅޭތާ ފަސްވަރަކަށް އަހަރުވެއްޖެ ކަމަށާއި، އެއީ އެ ޓީމު ބަލިކުރަން އުނދަގޫވާނެ ސަބަބެއް ކަމަށް ސޮބާ ބުންޏެވެ. 

"އަޅުގަނޑު މިހާހިސާބަށް ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިން އެކަކު އެއީ ސާންތި ކޯޗަކީ، ސްކޫލް ދައުރުގައިވެސް ނުވެފައި އޮތް ކަމެއް އިންޓަރ ސްކޫލް ތަށި ނެގުން، އެކަންވެސް ކޮށްދިނީ ސާންތި ކޯޗު، އޭގެ ފަހުން ނެޝަނަލް ޓީމަށް ކުޅުނު ބާރަވަރަކަށް އަހަރުގެ ތެރޭން ދިހަވަރަކަށް އަހަރު ސާންތި ކޯޗުގެ އެހީ ލިބެމުން ގޮސްފައި ވަނީ، މިހާ ހިސާބަށް އާދެވުމުގައި އެންމެ ބޮޑު އެހީއެއް ލިބުނު ލޯކަލް ތިން ކޯޗުންގެ ތެރޭގައި ސާންތި ކޯޗު ހިމެނޭނެ." ސޮބާ ބުންޏެވެ.