ލީގުގައި އެމީހުން މާޔޫސްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޓޮޓެންހަމްގެ ކޯޗް މައުރިޝިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާރސެނަލްގެ މައްޗަށް 2-0 ން އަމިއްލަ ދަނޑުގައި ކުރި ހޯދި މެޗަށްފަހު ޕޮޗެޓީނޯ ބުނީ ޗެލްސީ މޮޅުވަމުން ދިޔަ ނަމަވެސް ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތް އެންމެ ފަހުވަގުތާ ޖެހެންދެން ކުރިއަށް ގެންދާނެކަމަށާއި، ޗެލްސީ ރޭގެ މެޗުން މޮޅުވުމަކީ އެ ޓީމު އެއްވެސް ވަރަކަށް އެކަމާ މާޔޫސްވާނެ ސަބަބެއް ނޫންކަމަށެވެ. އޭނާ ބުނީ ރޭގެ މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމަށް ތަޢުރީފް ހައްޤު ކަމަށާ މެޗުން ލިބުނު ތިން ޕޮއިންޓަކީ ކުޅުންތެރިން ކުރި މަސައްކަތާ ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ. 22 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގުގައި އާރސެނަލްގެ މައްޗަށް ކުރި ހޯދޭނެކަން ޓޮޓެންހަމްއިން ކަށަވަރުކޮށްފައި ވާއިރު، މެޗުން ބަލިވި އާރސެނަލްގެ ކޯޗް އާރސެން ވެންގަރ ބުނީ މެޗުގައި އޭނާއާ ޓީމުގެ ކުޅުންތެރިން ކުޅެމުންދަނީ އިތުރު އެހެން ޕްރެޝަރުތަކަކާ އެކު ކަމަށާއި، އެކަމުގެ ސަބަބުން މެޗުން މޮޅުވުމަށް ކުޅުންތެރިން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަންނަ ކަމަށެވެ. ވެންގަރ އެ ފާހަގަކޮށްފައިވަނީ ސަޕޯޓަރުންގެ ފަރާތުން އަންނަ ފާޑުކިޔުންތަކެވެ. ވެންގަރ ބުނީ ގެއްލިގެން އެ ދިޔައީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި، ކުރިއަށް ހުރި މެޗުތައް ކާމިޔާބުކޮށްގެން ގަދަ ހަތަރަކުން ޖާގައެއް ހޯދޭތޯ ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރަން ޖެހޭކަމަށެވެ.
ރޭގެ މެޗުގައި ޓޮޓެންހަމްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ޑެލެ އަލީއާ، ހެރީ ކޭންއެވެ. ކޭންގެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޓޮޓެންހަމް ތާވަލްގެ ދެވަނާގައި އޮތީ 77 ޕޮއިންޓާއެކުއެވެ. އާރސެނަލް ތާވަލްގެ ހަ ވަނާގައި އޮތީ 60 ޕޮއިންޓާއެކުއެވެ.