ކުޅިވަރު

ޓީމް މާޔޫސްވެފަ، އެކަން ބަދަލުކުރަން މާޒިޔާ ބަލިކުރަންޖެހޭ


އިންޑިޔާގެ ލީގު ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، މިހާރު ޓީމްގެ ހުރިހާވެސް އަމާޒަކީ އޭއެފްސީކަޕްގައި މާޒިޔާގެ މައްޗަށް ކުރި ހޯދުންކަމަށް އިންޑިއާގެ މޯހަން ބަގާންގެ އެސިސްޓަންޓް ކޯޗު ސަންކަރްލާލް ޗަކްރަބަތީ ބުނެފިއެވެ. 

މޯހަން ބަގާންގެ އެސިސްޓަންޓް ކޯޗު ސަންކަރްލާލް ޗަކްރަބަތީ ބުނީ އިންޑިޔާ ލީގު މޯހަން ބަގާންއަށް ގެއްލުމުން ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އަދި ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްކަންމަތީގައިކަމަށްވެސް ސަންކަރްލާލް ޗަކްރަބަތީ ބުންޏެވެ. ލީގަށް ފަހު އެންމެ ބޮޑަށް މޯހަން ބަގާންއިން ބޭނުންވަނީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ހޯދަންކަމަށާއި، ލީގުގެ މާޔޫސްކަން ހަނދާން ނައްތާލުމަށް މާޒިޔާގެ މައްޗަށް ކުރި ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް އިންޑިއާގެ މޯހަން ބަގާންގެ އެސިސްޓަންޓް ކޯޗު ބުންޏެވެ.

"މާޒިޔާ އަކީ މި ގްރޫޕުގެ އެންމެ ވަރުގަދަ އެއް ޓީމު. އަހަރެމެން އަމިއްލަ ދަނޑުގައި މާޒިޔާ އަތުން ވަނީ ބަލިވެފަ. އަހަރެމެން މިހާރު އޮތީ ގުރޫޕްގެ ތިން ވަނާގަ. ގުރޫޕްގެ ތިން ވަނާގަ އޮތްނަމަވެސް އަހަރުމެން ބޭނުންވަނީ މާޒިޔާގެ މައްޗަށް ކުރި ހޯދަން. މާޒިޔާގެ މައްޗަށް ކުރި ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ. މާޒިޔާއަކީ ވަރުގަދަ ޓީމެއް. އަހަރެމެންގެ އަމިއްލަ ދަނޑުގައިވެސް މަޒިޔާއިން ވަނީ ވަރަށް އޯގަނައިޒިންގ ފުޓްބޯޅައެއް ކުޅެފަ." އެސިސްޓެންޓް ކޯޗު ބުންޏެވެ.

ގުރޫޕްގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އިންޑިއާގެ ބެންގަލޫރު އެފްސީ އޮތްއިރު މާޒިޔާ ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކުއެވެ. ތިން ޕޮއިންޓާ އެކު މޯހަން ބަގާން އޮތީ ތިން ވަނާގައެވެ. ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގަ އޮތީ ބަނގްލަދޭޝްގެ ޑާކާ އަބަހާނީއެވެ.