އޭޑީބީގެ އަހަރީ ޢާއްމު ޖަލްސާއަށް މިހާރު ޖަޕާނަށް ވަޑައިގެން އުޅުއްވާ، ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ބޭންކް އޮފް ޖަޕާނުގެ ގަވަރުނަރު ހަރުހީކޯ ކިރޯޑާ އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ބޭންކް އޮފް ޖަޕާނުގެ ގަވަރުނަރު ހަރުހީކޯ ކިރޯޑާ ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އިޤްތިޞާދީ އަދި ޢުމުރާނީގޮތުން ދިވެހިރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި ހަރުހޯކޯ ކިރޯޑާ ވިދާޅުވިގޮތުގައި ތަރައްޤީޤެ އަމާޒަށް ވާސިލްވުމުގައި ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުން ނަމޫނާ ޤައުމެކެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ އިޤްތިޞާދީ އެޖެންޑާ އާ ބެހޭ މައުލޫމާތު ހަރުހޯކޯ ކިރޯޑާ އާ ޙިއްޞާ ކުރައްވާފައެވެ.
މިގޮތުން ފިނޭންސް މިނިސްޓަރު ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި އެނޫންވެސް މައުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވަމުންގެންދަވާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ބޭންކް އޮފް ޖަޕާނުގެ ގަވަރުނަރު ހަރުހީކޯ ކިރޯޑާ އާއެކު ބޭއްވި މި ބައްދަލުވުމުގައި ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.