ކުޅިވަރު

އޭސީ މިލާން ބަލިކޮށް، ރޯމާ ތާވަލްގެ ދެވަނައަށް


އޭސީ މިލާންގެ މައްޗަށް ކުރި ހޯދާ، އިޓާލިއަން ސެރީއޭ ތާވަލްގެ ދެވަނަ މަޤާމަށް ރޯމާ ޖެހިލައިފިއެވެ.

ރޭ އޭސީ މިލާންގެ ދަނޑުގައި ކުޅުނު މެޗް ރޯމާއިން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ހަތަރު ލަނޑު އެއް ލަނޑުންނެވެ. މެޗްގައި ރޯމާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ އެޑިން ޒެކޯއެވެ. ފަހު ދެ ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ސްޓެޕަން އަލް ޝަރާވޭއާއި، ޑެނިއަލް ޑި ރޮސީއެވެ. ރޮސީގެ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ގޯލެކެވެ. އޭސީ މިލާންގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ. މެޗް ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް އޭސީ މިލާންގެ ގެބްރިއަލް ޕަލެއްޓާ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

 މި މެޗުން މޮޅުވެ ރޯމާ 78 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ޖެހިލިއިރު، އޭސީ މިލާން ވަނީ 59 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައަށް ވެއްޓި، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. އިޓާލިއަން ސެރީއޭ ލީގު ތާވަލްގެ ހަތަރުވަނާގައި އޮތް ލާޒިއޯ ރޭ ވަނީ ފަސޭހަކަމާއެކު ސަމްޕްދޯރިއާގެ މައްޗަށް 7-3 ލަނޑުން ކުރި ހޯދާފައެވެ. އަދި ފަސް ވަނާގައި އޮތް އެޓަލާންޓާ ވަނީ އުދިނޭސީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗް އެއް ލަނޑު އެއް ލަނޑުން އެއްވަރުކޮށްފައެވެ.